Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެލްޖީއޭގެ ބާރުތައް ރައީސަށް ދޭން މަވޯޓާ ޝަރީފް ތާއީދު

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ ޝަރީފް) ތާއީދު ކުރައްވައިފި އެވެ.

ޝަރީފް މިކަން ހާމަކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު އެއީ ވަރަށް މަތިވެރި މަޤްޞަދެއްގައި ރައްޔިތުންގެ ގާތުން މަސައްކަތް ކުރުމަށް ކަމަށާއި އެހެން ނަމަވެސް ސިޔާސީ އޮއިވަރުގައި ސަރުކާރުން ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދިނުމުގެ ފަށަލައަކީ ކައުންސިލުތަކުގެ ފަށަލަކަން ވެސް ބައެއް ކައުންސިލުތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ހަނދާންނެތިވަޑައިގަންނަވާ ކަމަށެވެ.

މި އޮތް ސިޔާސީ އޮއިވަރުގައި ސަރުކާރުގެ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދިނުމުގެ ފަުށަލައަކީ ކައުންސިލުތަކުގެ ފަުށަލަކަން ވެސް ބައެއް ކައުންސިލުތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަުށް ވެސް ހަނދާންނެތޭ ވާހަކަ ހަމަ ހިތާމަޔާ އެއްކޮުށް ދަންނަވަން.

މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވި ގޮތުގައި އެ އިޞްލާޙަކީ މިހާރު ޢަމަލުކުރެވެމުންދާ ގާނޫނުގައިވާ އިޞްލާޙުށް ވުރެ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި، އަދި ލޯކަލް ގަވަރމެންޓު އޮތޯރިޓީގެ ދައުރު އަދާކުރުމުގައި މާ ރަނގަޅު އިޞްލާޙެއް ކަމުގައި ޤަބޫލުކުރައްވާކަމަށެވެ.

ސަރުކާރުން ހުުށަހަޅާ ކޮންމެ ހުުށަހެޅުމަކީ އިދިކޮޅު ޕާޓީގެ ތިބޭ މީހުން ދެކޮޅުހަދަންޖެހޭ އިޞްލާޙެއް ކަމުގައި ނުވާ ކަމަށާއި ރަނގަޅު އިޞްލާޙެއް ސަރުކާރުން ހުުށަހަޅުއްވާ ނަމަ، އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ތަރައްޤީގެ ޕްލޭންތައް ތަންފީޒުކުރުމުގައި ކައުންސިލުތަކުގެ ދައުރު މުހިއްމުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ބަޖެޓުތައް އެކުލެވޭއިރުގައި އެ ކޮމިއުނިޓީތަކަުށް ދެވޭ ޚިދުމަތް ދިނުމުގައި ސަރުކާރުގެ ވިސްނުމާއި، ރައްޔިތުންގެ ވިސްނުން އެކުވާންޖެހޭ ކަމަށެވެ.

"ނެޝަނަލް ޑިވެލޮޕްމެންޓު ޕްލޭނާއި، ސަރުކާރުގެ އާއްމު ސިޔާސަތު ތަންފީޒުކުރުމުގައި ލޯކަލް ކައުންސިލުތަކުގެ ދައުރު ފުޅާކުރަން އެބަޖެހޭ. އަދި ލޯކަލް ކައުންސިލުތަކަކީ ނެޝަނަލް ޑިވެލޮޕްމެންޓު ޕްލޭނު ތަރައްޤީކުރުމާއި އެކުލެވުމުގައި ހިއްސާއެއް އޮންނަ ބައެއް ކަމުގައި ހަދަން އެބަޖެހޭ."

ކައުންސިލްތަކުގައި ހިމެނެނީ ކޮންމެ ސިޔާސީ ޕާޓީއަކަުށް ނިސްބަތްވާ ފަރާތްތަކެއް ކަމުގައި ވިޔަސް ، އެ ބޭފުޅުން އެންމެ އިސްކަމެއް ދޭންވާނީ ޤައުމީ ތަރައްޤީގެ ޕްލޭނު ތަންފީޒުކުރުމުގައި އެހީތެރިވާން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު އޮތް ސިޔާސީ އޮއި ވަރުގައި އުފެދޭ ފިތުނަފަސާދައިގެ ސަބަބުން ކިތަންމެ މަތިވެރި މަޤްޞަދެއްގައި ޤާނޫނެއް ފާސްކުރި ކަމަުށް ވިޔަސް ވެސް ދައުލަތުގެ އިދާރާއަކަށް އެންމެ އެކުށީގެންވާ ގޮތުގައި ފަންކްޝަންކުރެވޭނެ މާޙައުލެއް ރާއްޖޭގައި ޤާއިމުވެފައި ނެތް ކަމަށެވެ.

"ސިޔާސީ ފިކުރުތަކުގައި މުޅި ޤައުމު ޣަރަޤުވެގެންނުވާނެ. ޤައުމު ހަނަފަސް ސަހަރާއަކަުށް ބަދަލުވެގެންނުވާނެ. ޤައުމު ތަރައްޤީއަުށް އަޅުގަނޑުމެން ފުރުޞަތު ދޭންޖެހޭނެ. މުޅި ތަރައްޤީއަކީ ހުރިހާ ރައްޔިތުން އެކަމުގައި ބައިވެރިވެ، ޝާމިލުވާންޖެހޭ އެއްޗެއް ކަމުގައި ވާންވާނެ."

ޝަރީފް ވިދާޅުވި ގޮތުގައި އެލްޖީއޭގެ ބޯޑުގެ ބާރުތައް ރައީސް އަބްދުﷲ ޔާމީނަށް ލިބޭގޮތަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޤައުމުގެ ލާމަރުކަޒީ ނިޒާމުގެ މަގްސަދު ހާސިލްވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން އެލްޖީއޭ ބޯޑުގައި ހިމެނޭ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.

މީގެ އިތުރުން ވެސް މި އިސްލާހުގައި ބުނެފައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ.