ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހުން ތިން ދައުވާއެއް ކޮށް ކްރިމިނަލް ކޯޓަށް ފޮނުވާލައިފިއެވެ.
މިދޔަ ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިއުމަށްފަހު ކޯޓުން ވަނީ ގާސިމްގެ ބަންދުގެ މުއްދަތަށް ހަ ދުވަސް އިތުރުކޮށްފައެވެ.
މިމައްސަލަ ކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ. ގާސިމްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށްފަހު ކޯޓަށް ފޮނުވާލާފައިވިނަމަވެސް ގާސިމް ވަނީ ރިޝްވަތު ދީފައިވާ ކަމަށް އިންކާރުކޮށްފައެވެ.
ޕީޖީ އޮފީހުން ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.
ފުލުހުން ގާސިމް ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އަނބުރާލުމަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމަށާއި ދައުލަތުގެ ދިފާއީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް ފުލުހުން ވަނީ ގާސިމް އިބްރާހިމްގެ މައްޗަށް ތުހުމަތުކޮށްފައެވެ.