ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތަށް މިދިޔަ ބުދަ ދުވަހު ހާޒިރުވާން އަންގާފައި ވަނިކޮށް އިންޑިއަން ހައި ކޮމިޝަންގެ ތެރޭގައި "ފިއްލަވައިގެން" އުޅުއްވަމުން ގެންދަވާ އިރު، އޭނާގެ ޝަރީއަށް އަނެއްކާ ވެސް އަންނަ ބުދަ ދުވަހަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ތާވަލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ދުވަހުގެ ޝަރީއަތަށް ނަޝީދު ހާޒިރުވާން ޖެހެނީ ހަވީރު 4:00 ޖަހާ އިރު އެވެ. ނަޝީދު ކޯޓަށް ހާޒިރުކޮށް ދިނުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް ވެސް އަމުރެއް ނެރެފަ އެވެ. މިއަދަށް މިއީ ނަޝީދު ހައި ކޮމިޝަންގައި ހުންނަވާތާ ހަ ވަނަ ދުވަހެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމްދު ހައްޔަރު ކުރި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައި އެމްޑީޕީން ދަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން މާލޭގައި މުޒާހަރާ ވެސް ކުރަމުންނެވެ. އަދި އެެއީ ސިޔާސީ ދައުވާއެއް ކަމަށް އެމްޑީޕން ބުނެ އެވެ.
އަބްދުﷲ ގާޒީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން ސިފައިން ހައްޔަރު ކުރީ ކުރީގެ ނަޝީދުގެ އޯޑަރަށް ނޫން ގޮތަކަށް ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވެސް ވަނީ ވިދާޅުވެފަ އެވެ.