Last Updated: June 26, 11:11
Friday, June 26, 2026
ދުނިޔެ

ގަދަކަމުން ޕެސެންޖަރު ބޭލި އެއާލައިން ގިނަ ބަޔަކު ބޮއިކޮޓް ކުރަނީ

އެމެރިކާގެ ޗިކާގޯއިން އިއްޔެ ފުރަން ތައްޔާރުވެފައި އޮތް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއް އޯވާބުކް ކުރުމަށްފަހު ގަދަކަމަށް ބޯޓުގައި ދަމަމުން ޕެސެންޖަރަކު ބާލުވި ވީޑިއޯ އާންމުވެ ގިނަ ބަޔަކު ޔުނައިޓެޑް އެއާލައިންސް ބޮއިކޮޓް ކުރަން ފަށައިފިއެވެ.

އެޕްރިލް 9 ވަނަ ދުވަހު ޑރ. ޑޭވިޑް ޑައޯ ވަނީ ބޯޓުން ފޭބުމަށް އެންގުމުން ފޭބުމަށް ދެކޮޅު ހަދާފައެވެ. ފްލައިޓު ސެކިއުރިޓީ އޮފިސަރުން ވަނީ އޭނާގެ އަތުގައި ހިފައި ގަދަކަމުން ބޯޓުގައި ދަމައިގެން ބޯޓުން ބާލާފައެވެ.

މިހާދިސާގައި ޑައޯގެ މޫނަށާއި ނޭފަތަށް ވަނީ ޒަޚަމް ލިބި ލޭ ފައިބައިގެން ގޮސްފަ އެވެ.

ސޯޝަލް މީޑިޔާގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިވީޑިއޯ ދައުރުވެގެންގޮސްފައިވާއިރު ގިނަ ބަޔަކު ވަނީ ޔުނައިޓެޑް އެއާލައިންސްގެ އަމަލު ކުށްވެރިކޮށްފަ އެވެ.

ޔުނައިޓެޑް އެއާލައިންސްއިން ފުރަތަމަ ނެރުނު ބަޔާނުގައި ވަނީ އޯވާބުކް ކުރުމުން މައާފަށް އެދިފައެވެ.

އެހެން ނަމަވެސް ކަސްޓަމަރާއި ދޭތެރޭ އަމަލު ކުރި ގޮތަށް އެއާލައިނުން މައާފަށް އެދިފައެއް ނުވެއެވެ.

ނަމަވެސް އިއްޔެ އެއާލައިނުގެ ސީއީއޯ ވަނީ އެހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރުނުވުމަށް ކުންފުނިން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ. އަދި ހާދިސާގައި އަނިޔާ ލިބުނު ކަސްޓަމަރާއި ބައްދަލުކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ގިނަ ބަޔަކު ޔުނައިޓެޑް އެއާލައިންސްއިން ބުކްކޮށްފައިވާ ޓިކެޓު ކެންސެލް ކުރަމުންދާއިރު 800 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އޭއޯއެލް އިން ރިޕޯޓުކޮށްފައިވެއެވެ.