Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ފިކުރު ބަދަލެއް ނުވޭ، ހުންނާނީ އެމްޑީޕީގައި: ރޮޒޭ

އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކަށް ދާން ނުވިސްނާ ކަމަށާއި ޕާޓީގައި ސާބިތުވެ ދެމިހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި "އައްޑޫލައިވް" އަށް ދެއްވި ބަސްދީގަތުމެއްގައި ރޮޒޭ ވަނީ އިދިކޮޅު ހަރަކާތްތަކުން ނުފެންނަނީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އާއިލާއަށް ވަގުތު ދިނުމަށް ކަމަށް ވިދާޅުވެފައެވެ.

"މާޗް މަސް އެއްކޮށް ހޭދަކުރީ ރައްޖެއިން ބޭރުގައި. ކުދިންނާއި ދުރުގަ އެހާ ދުވަހު އުޅެން ޖެހުމުން މިދިޔަ ހަފްތާ ބަންދު ހޭދަކުރީ އާއިލާ އެކުގައި. އަޅުގަނޑުގެ ފިކުރަކަށް ބަދަލެއް ނާދޭ. އިރާދަކުރެއްވިއްޔާ ސާބިތުކަމާއެކީ އެމްޑީޕީގައި ދެމިހުންނާނަން އަދި މިހަފްތާގައި އެމްޑީޕީއިން ތ އަތޮޅަށް ކުރާ ދަތުރުން ފެށިގެން ކުރިއެކޭ އެއްފަދައިން ކުރީ ސަފުން ފެންނާނެ."

ފާއިތުވެދިޔަ ހަފްތާތަކުގައި ރޮޒޭނާގެ އަޑު އިދިކޮޅު ހަރަކާތްތަކުން ފަނޑުވެގެން ގޮސްފައިވާތީ އައްޑޫގެ އެމްޑީޕީ ރައްޔިތުން ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ.

އެމްޑީޕީގެ ޓިކެޓުގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށް ރޮޒޭނާ ވަނީ އެމްޑީޕީއާއި ގުޅުނު ފަހުން އަބަދުވެސް ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެ، އައްޑޫ ރައްޔިތުންގެ ސަޕޯޓު ހޯދާފައެވެ.