Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ދުނިޔޭގެ ގައުމުތައް ތަރައްގީ ވަނީ ކޮރަޕްޝަނުގެ ތެރެއިން: ރިޔާޒް

ދުނިޔޭގެ ގައުމުތައް ތަރައްގީ ވަމުން އަންނަނީ ކޮރަޕްޝަނުގެ ތެރެއިން ކަމަށާއި ހުރިހާ ގައުމެއްގައިވެސް ކޮރަޕްޝަން އޮންނާނެ ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށައަޅާފައިވާ އިމާރާތް ކުރުމުގެ ބިލަށް ބަހުސް ކުރަމުން ރިޔާޒް ވިދާޅުވެފައިވަނީ ވަކިވަކި ފަރުދުންގެ ފަރާތުން ފެންނަ ކޮރަޕްޝަނުގެ އަމަލު ތަކަކީ މުޅި ސަރުކާރާއި ރައީސް ޒިންމާ ވާން ޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ.

އެފަދަ ފަރުދުންގެ ކޮރަޕްޝަނުގެ މައްސަލަ ރައީސް ޔާމީން ބައްލަވަމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީން ދަނީ އެކަން ބަލަމުން. މިފަދަ ކަންކަން (ކޮރަޕްޝަން) ކުރާ މީހުންނާ މެދު އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް މިއަދާ ހަމައަށް ވަނީ އަޅުއްވާފައި،"

ކިތަންމެ ކުޑަ ކަމެއް ކުރަން ޖެހުނުނަމަވެސް އޮންނަ މަގުން އެކަމެއް ކުރާތޯ ރިޔާޒް ވަނީ މިއަދުގެ ޖަލްސާގައި ސުވާލު އުފައްދާފައެވެ. ޑޮކްޓަރަށް ދައްކަން ކިޔޫގައި މަޑުކުރަން ޖެހުމުންވެސް އަންނަނީ މަޖިލިސް މެމްބަރުގެ އެހީ ހޯދުމަށް ކަމަށް ވިދާޅުވެ ރިޔާޒް ވަނީ މިސާލު ނަންގަވާފައެވެ.

ރިޔާޒް ވަނީ ކޮރަޕްޝަން ކުޑަ ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެންމެންނަކީ ވަގުން ނޫން ކަން ސާބިތުކޮށްދިނުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އޭސީސީ އިން ވަނީ 2015 ވަނަ އަހަރު ހޯމް މިނިސްޓްރީއިން ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ދާދި ފަހުން ހޯމް މިނިސްޓްރީއަށް ވަދެ ތަހުގީގުކޮށްފައެވެ.