ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ގާސިމްގެ ވަކީލުން އޭނާ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ގާސިމާއި އެއްކޮޅަށް ހުކުމް ކޮށްފިއެވެ.
ހައި ކޯޓުން ކުރި އަމުރުގައި ގާސިމް ހައްޔަރުކުރަން އަމުރު ހޯދާފައިވަނީ އިމްތިޔާޒުގެ ގާނޫނާއި ޚިލާފަށް ކަން ފާހަގަކޮށްފައިވެއެވެ. އެގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުށެއް ކުރިތަން ފެނިފައިނުވާނަމަ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދޭނީ ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީސް މެދުވެރިކޮށެވެ.
އެގޮތަށް ފުލުހުން ގާސިމް ހައްޔަރުކުރުމުގައި އަމަލު ކޮށްފައިނުވާތީ ހައްޔަރުކޮށްފައި ނުބެހެއްޓޭނެ ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

"އިސްތިއުނާފް މި ކުރެވޭ ކޯޓު އަމުރުގެ ދަށުން ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރައްވާފައިވަނީ ގާނޫނު ނަމްބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ހ. އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް ބަންދު ކުރެވިފައި ވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާ ކުރައްވައިގެން ކަން އެނގެން އޮންނަ ކަމާއި، ބާތިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުގެ ނަމްބަރު (އަމުރު ނަމްބަރު) ކޯޓު އަމުރަކީ ގާނޫނާ ޚިލާފް ބާތިލް އަމުރެއް،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައިކޯޓުން މިއަމުރު ނެރުމުން ގާސިމް މިނިވަން ވެފައިވިނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ގާސިމްގެ މައްޗަށް ތިން ދައުވާ އެއް އުފުލާފައެވެ.
ގާސިމް ހައްޔަރުކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔައި ގާސިމް މިނިވަން ކުރުމަށް ގޮވާލާފައެވެ.