ނައިޖީރިއާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ޑައުޑާ ޑަންލާޑީ، އެ މަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މިއަދު އަރުއްވައިފި ވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ނައިޖީރިއާގެ އާ ސަފީރާ ރައީސް ބައްދަލު ކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ނައިޖީރި އާ ދެމެދު އޮތް ގުޅުމާއި، މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ އާއި ވިޔަފާރި އާއި ޢިމާރާތް ކުރުމުގެ ދާއިރާ އިން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.