ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކޮށް ހެޔޮގޮތުގައި ބޭނުންކުރުމަށް އެކުލަވާލި ޕްލޭނުގެ ފުރަތަމަ ފިޔަވަހި ހިންގުމަށް ވޯލްޑް ބޭންކުން 18 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިވެހި ސަރުކާރަށް ދީފިއެވެ.
މޯލްޑިވްސް ސަސްޓެއިނަބުލް ފިޝަރީޒް ރިސޯސް ޑިވެލޮޕެމެންޓް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހި މިއަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ފިޝަރީޒް މިނިސްޓްރީ އިން ބުނެފައިވަނީ ފުރަތަމަ ފިޔަވަހި ޕްލޭނާއި އެއްގޮތަށް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވިއްޖެނަމަ ދެވަނަ ފިޔަވަހި ހިންގުމަށް ބޭނުންވާ އެހީވެސް ވޯލްޑް ބޭންކުން ދިނުމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން މަސްވެރިންނަށް ފަސޭހަކަމާއެކު އުޅަނދު ހޯދައި ދަނެގަންނަ ނިޒާމެއް ގާއިމް ކުރެވިގެންދާނެއެވެ. އަދި މަސްވެރިންނަށް އާއިލާއާއި ދުރުގައި ގިނަ ދުވަސްތައް ހޭދަކުރަން ޖެހިފައިވާ ދަތިކަން ފިލުވައިދިނުމަށް ކަނޑުމަތީގައި ހޭދަކުރާ ދުވަސްތަކުގައި އާއިލާއާއި މުއާމަލާތް ކުރެވޭނެ ގޮތް ވެސް ހެދޭނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
އަދި މިހާރު މަސްވެރިކަމަށް ކުރެވެމުންދާ ޚަރަދު އެތައް ގުނައެއް ކުޑަކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ޕްރޮޖެކްޓަށް ދިވެހި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށް، 9 މިލިއަން ޑޮލަރު ދިނުމަށް ކުރިން ނިންމާފައިވިނަމަވެސް އެއަދަދު 18 މިލިއަނަށް މަތިކޮށްފއިވަނީ ރާއްޖެއިން އިސްނަގައިގެން ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ތަރައްގީކޮށް ބެލެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ސަބަބުން ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.