Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ބްރޯޑްކޮމް: ވަރަށް ތަފާތު، އެހެން މުއައްސަސާތަކަށް މިސާލެއް!

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކޮމިޝަން އުފެއްދުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ޤަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމާއި ތަންފީޒްކުރުމާއި އަދި ޑިމޮކްރަސީ އާލާ ކުރުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ އަދި ޒިންމާދާރުގޮތުގައި ބޭނުންކުރާ ބްރޯޑްކާސްޓަރުން އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ބްރޯޑްކާސްޓަރުންގެ ޚިދުމަތް ފުޅާދާއިރާއެއްގައި ފޯރުވައިދިނުމަށާއި އޭގެ އިންފްރާސްޓްރަކްޗަރ މުޅި ރާއްޖެއަށް ފުޅާކުރެވޭނޭ މަގުފަހިކޮށްދިނުމާއި، އެފަދަ ނިޒާމްތައް އެކުލަވާލާ ޤާއިމުކުރުންވެސް ހިމެނެއެވެ.

ރާއްޖެ މިއަދު މިދެކޭ "ތަރައްޤީ"ގެ ކަންކަމަށް ބަލާއިރު އެންޓި ކަރަޕްޝަން ކަމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް ފަދަ މުއައްސަސާ ތަކާއި އަޅާ ކިރާލިޔަސް ހަގީގަތުގައި ބްރޯޑްކޮމްއިން މިދަނީ ދައުލަތަށް "އިޤްތިސާދީ" ފައިދާ ހޯދައިދެމުންނެވެ.

މިއީ ބްރޯޑްކޮމްގެ ރަސްމީ ވެބްސައިޓްގައި އެ ކޮމިޝަނުގެ ތައާރަފެއްގެ ގޮތުގައި ލިޔެފައިވާ ލިޔުމެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު މިއަދު ބްރޯޑްކޮމް ފާހަގަކުރަނީ، "ހަންމުށި ޖަހައިގެން ގަދަބާރުން" ނޫސްވެރިން މައިތިރިކުރުމަށް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް އެއްފަރާތް ކޮށްލުމަށްފަހު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުގެ ވިސްނުމުގައި ބަލާއިރު، ފެންނަނީ ބްރޯޑްކޮމް އިން ވަރަށް ހީވާގިކޮށް ތަފާތު ދައްކާ މަންޒަރެވެ.

ދައުލަތުގެ އެހެން މުއައްސަސާތަކުން މިއަދު ބްރޯޑްކޮމް މިސާލަކަށް ނަގަން ޖެހެއެވެ. އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބްރޯޑްކޮމް އިން ކުރަމުންދާ ޖޫރިމާނާތައް ވެސް ވަރަށް ތަފާތެވެ.

އެންމެ ފުރަތަމަ އެ ކޮމިޝަނުގެ ފަރާތުން ރާއްޖެ ޓީވީ ޖޫރިމާނާ ކުރީ، -/250،000 ރުފިޔާއިންނެވެ. އެ ޖޫރިމާނާ ދައްކައި ނިމުނުތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި 1 މިލިއަން ރުފިޔާއިން އަނެއްކާވެސް ހަމަ ރާއްޖެ ޓީވީ ޖޫރިމާނާ ކޮށްލުމަކީ، ބްރޯޑްކޮމްގެ ތަފާތު ނިންމުމެކެވެ. ރާއްޖެ އިޤްތިސާދަށް ފައިދާ ހުރި މުވައްސަސާއަކަށް ބްރޯޑްކޮމް ވީއެވެ.

ގައުމުގައި ހިނގާ މައްސަލަތައް ނުބެލުމުގެ އުޒުރެއްގެ ގޮތުގައި ބައެއް މުއައްސަސާތަކުން ދައްކާ ވާހަކަ އަކީ، އެ މައްސަލަތައް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވުމެވެ. އެހެން ނަމަވެސް ބްރޯޑްކޮމް އާއި މެދު އެފަދަ ވާހަކަތަކެއް ދެއްކޭނެ ޖާގައެއް ނެތެވެ. ބްރޯޑްކޮމް އިން ގެންދަނީ އަމިއްލަ އަށް އިސްނަގައިގެން މައްސަލަތައް ބަލައި ފިޔަވަޅުވެސް އަޅަމުންނެވެ. ތަފާތު ނޫންތޯއެވެ؟

ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ރިސޯޓެއް ތަރައްގީކުރަން ނިންމު ގޮތަށް މާދަމާ ބްރޯޑްކޮމްގެ ފަރާތުން ވެސް ހަމަ ރިސޯޓް ވިޔަފާރި ފެށުމަށް ނިންމައި އެ ކޮމިޝަނުގެ ތަފާތު ދައްކަވާފާނެއެވެ.

ދެންވެސް އޮތީ ބްރޯޑްކޮމް އެހެން މުވައްސަސާތަކާއި ތަފާތުވާ އެހެން ސަބަބެކެވެ. އަބުރުގެ ގާނޫނަށް އޮގަސްޓް 11، 2016 ގައި އަމަލުކުރަން ފެށި ދައުލަތުގެ މީޑިޔާއިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަބުރު "ކަތިލީ" ނަމަވެސް އެއްވެސް ފިޔަވަޅެއް ބްރޯޑްކޮމް އަކުން އަޅާފައެއް ނުވެއެވެ. އެއީ ދައުލަތުގެ މީޑިޔާ ވީމަ ޖޫރިމަނާ ނުކުރަން ވެގެން ނިންމި ތަފާތު ނިންމުމަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރާއްޖެ މިއަދު މިދެކޭ "ތަރައްޤީ"ގެ ކަންކަމަށް ބަލާއިރު އެންޓި ކަރަޕްޝަން ކަމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް ފަދަ މުއައްސަސާ ތަކާއި އަޅާ ކިރާލިޔަސް ހަގީގަތުގައި ބްރޯޑްކޮމްއިން މިދަނީ ދައުލަތަށް "އިޤްތިސާދީ" ފައިދާ ހޯދައިދެމުންނެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ބްރޯޑްކޮމް އަކީ "ހަންމުށި ޖަހައިގެން ގަދަބާރުން" ނޫސްވެރިން މައިތިރިކުރާ ތަނެކޭ ބުނާތީ އެކަމުގެ ރައްދުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބްރޯޑްކޮމް އަކީ ދައުލަތަށް "އިޤްތިސާދީ" ފައިދާ ހޯދައިދޭ މުއައްސަސާއެއްގެ ގޮތުގައި ސިފަކޮށްފާނެއެވެ.

ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުންގެ ފާޑުކިޔުންތައް އޮހެމުންދިޔަ ނަމަވެސް، ބްރޯޑްކޮމް އިން އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި މަސައްކަތް ކުރިއަށް ގެންދިއުމަކީ ވެސް ހަމަ ތަފާތު ކަމެކެވެ.