ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ޖުމްލަ 14 ޖަލްސާއެއް ބޭއްވުމަށްފަހު ދޮޅު މަސްދުވަހަށް މަޖްލިސް މެމްބަރުން ޗުއްޓީއަށް ގޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައެއް ވައްދައި އެފަދަ އެެހެން މައްސަލައެއް ވެއްދޭނެ ޖާގަ ހަނިކުރުމަށް ފަހު މަޖްލިސް ޗުއްޓީއަށް ގޮސްފައިވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅި އިމާރާތް ކުރުމުގެ ބިލް ފާސްކޮށްފައެވެ.
މަޖްލިސް މެމްބަރުން ޗުއްޓީއަށް ގޮސްފައިވާ އިރު މި ދައުރުގައި ބާއްވަން ޖެހޭ 36 ޖަލްސާގެ ތެރެއިން 22 ޖަލްސާއެއް ވަނީ ކުރާނެ މަސައްކަތެއް ނެތިގެން ނުބޭއްވިފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހް ވަރަށް ބޮޑަށް ހޫނު ވެފައިވަނިކޮށް މަޖްލިސް މެމްބަރުން ޗުއްޓީއަށް ގޮސްފައި މިވަނީ މަޖްލިސްގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު މައްސަލައެއް 42 މެމްބަރުންގެ ސޮއި ނެތި މަޖްލިސްއަށް ހުށަނޭޅޭ ގޮތަށް މަޖްލިސް ގަވާއިދު އިސްލާހުކޮށްފައެވެ.