Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މަޖިލީހުގައި ވައްޑެ އާއި އަމީތަށް އެންމެ 40 ސިކުންތު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު ކަންތައް ކުރައްވަމުން ގެންދަވަނީ އުސޫލްތަކާއި ޚިލާފަށް ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަވަނިކޮށް ރޭ ވެސް ވަރަށް ތަފާތު ކަމެއް މަޖިލީހުގެ ޖަލްސާގައި މިވަނީ ފެނިގެން ގޮސްފައެވެ.

އިމާރާތްކުރުމުގެ ބިލު ޤައުމީ ތަރައްޤީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލުމަށްފަހު ރޭގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އަމީތަށް ލިބިވަޑައިގެންނެވީ އެންމެ 40 ސިކުންތެވެ.

އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު(ވައްޑޭ) އަށް ވެސް ރިޔާސަތުން ދެއްވާފައި ވަނީ އެންމެ 40 ސިކުންތެވެ.

ރޭ ބޭއްވި މަޖިލީހުގެ 14 ވަނަ ޖަލްސާގައި އިމާރާތްކުރުމުގެ ބިލު ޤައުމީ ތަރައްޤީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ކަނޑައަޅާފައި ވަނީ 1 ގަޑިއިރެވެ.

އެގޮތުން ޕީ.ޕީ.އެމަށް 31 މިނެޓު 37 ސިކުންތު، އެމްޑީޕީއަށް 13 މިނެޓް 50 ސިކުންތު އަދި ޖުމްހޫރީ ޕާޓީއަށް 4 މިނެޓު 37 ސިކުންތު ދީފައިވެއެވެ. އެމްޑީއޭ އަށް 3 މިނެޓް 57 ސިކުންތު ދީފައިވާ އިރު އަދާލަތު ޕާޓީއަށް ކަނޑައަޅާފައި ވަނީ 2 މިނެޓްގެ ވަގުތުކޮޅެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވަކި ޕާޓީއަށް ނިސްބަތްނުވާ މެންބަރުންނަށް ދީފައިވަނީ 4 މިނެޓެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަމީތު ވަނީ އެބޭފުޅާއަށް އެންމެ 40 ސިކުންތު ލިބިފައި ލިބިފައި ހުޅުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު މޫސާމަނިކަށް ބޭނުންހާ އިރަކު ވަގުތު ލިބެންވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑަކީ މިއީ ޕީ.ޕީ.އެމްގެ މެންބަރެއް. އެހެން ބޭފުޅުންނަށް ލިބޭ ވަގުތު އަޅުގަނޑަށް

ލިބެންޖެހޭނެ. ކީއްވެގެންތޯ ނުލިބެންވީ؟"

އަމީތު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ މަޤާމުގައި މަސީހު ހުންނަވަންޖެހެނީ އިންސާފުން ކަންތައް ކުރުމަށް ކަމަށާއި ހިތަށްއެރިހާ ގޮތަކަށް ކަންކުރައްވާކަށް ނޫން ކަމަށެވެ.

އިމާރާތްކުރުމުގެ ބިލާއި ބެހޭގޮތުން ދައްކަވާނެ ވާހަކަ ހުރި ނަމަވެސް، އެންމެ 40 ސިކުންތުގެ ތެރޭގައި ބޮޑު ބިލަކާއި ބެހޭގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް އަމީތު ވިދާޅުވިއެވެ.

ބަހުސް ކުރެއްވުމަށް 40 ސިކުންތު ދެއްވުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުނުކުރެއްވި ނަމަވެސް ރޭގެ ޖަލްސާގައި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ މަސީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހު ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ "ޕްރޮގްރާމްކޮށްފައި އިންނަ ރޮބެޓެއްހެން" މަސީހު ގެންދަވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަންތައްތައް ކުރައްވަމުން ކަމަށެވެ.