Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައްޑޫގެ މިސްކިތްތަކާއި ގަބުރުސްތާން ބެލެހެއްޓުން އެމްއާރްޑީސީ އަށް

އައްޑޫގެ 39 މިސްކިތެއް ފޮޅައި ސާފު ކުރުމުގެ އިތުރަށް، ހަ ގަބުސްތާނެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) މިއަދު ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ އެ އެއްބަސް ވުމުގައި މިިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިިިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

އެމްއާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.

މިިނިސްޓަރު ޒިޔާދު ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.

ނިމާލް މިއަދު ވިދާޅުވީ މިނިސްޓްރީއާ އެކު ވެވުނު އެއްބަސްވުމަކީ 6.5 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫގެ މިސްކިތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފުރިހަމަ އަށް ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް އައްޑޫގެ ގަބުރުސްތާން ބަލަހައްޓަމުން އައީ އައްޑޫ ސިޓީ ކައުންސިލުންނެވެ.