ފަތުރުވެރިން ގޮވައިގެން ރާޅާ އަޅަން މިއަދު ހެނދުނު ނިކުތް މީހަކު ޑިންގީ ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި މަރުވެއްޖެއެވެ.
ހަތަރު ފަތުރުވެރިޔަކު ގޮވައިގެން ނިކުތް ގދ. ވާދޫ ނަރުގިސްވިލާ މުހައްމަދު ހަމީދު ދުއްވަން ހުރި ޑިންގީ ބަންޑުން ޖެހުމުން ހަމީދު ވަނީ އޭނާއާއެކު ދިޔަ ހަތަރު ފަތުރުވެރިންނާއެކު ފަތާފައި އެއްގަމަށް އަރާފައެވެ.
ފަތުރުވެރިން ރަށުގައި ބަހައްޓާފައި ހަމީދުއާއި ރަށުގެ އިތުރު ބަޔަކާއެކު އަނބުރާ ޑިންގީއަށް ދިޔައީ ޑިންގީ ސަލާމަތްކުރަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޑިންގީ ސްޓާޓު ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނިކޮށް ހަމީދު ޑިންގީ އިން މޫދަށް ވެއްޓުނީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ވެއްޓުމަށްފަހު ހަމީދު މައްޗަށް ނޭރުމުން ހޯދަމުންދަނިކޮށް ފެނިފައިވަނީ ގަލެއްގައި ފައި ތާށިވެފައިވަނިކޮށް ކަމަށް ހަމީދުއާއެކު ޑިންގީ ސަލާމަތްކުރަން ދިޔަ މީހަކު ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ މައްޗަށް ނެގިއިރު ހަމީދު ވަނީ މަރުވެފައިކަމަށެވެ.