Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ އަށް ދައުވާ ކުރަން ފޮނުވައިފި

photo: Mihaaru

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ބްރޯޑްކޮމް އިން ފުލުހުގައި އެދިއްޖެއެވެ.

ރޭޕް ކޭސްއެއްގެ ޚަބަރެއް ގެނެސްދިނުމުގައި މީހެއްގެ އަބުރަށް އަރައިގަނެވިފައިވާކަމަށް ބުނެ އާލާ ޖޫރިމަނާ ކޮށްފައިވަނީ 50،000ރ. އިންނެވެ.

ގާނޫނުގައި ބުނެފައިވާ ގޮތަށް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ބްރޯޑްކޮމް އިން އާލާއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. 30 ދުވަސް ހަމަވިއިރުވެސް ފައިސާ ދައްކާފައިނުވާތީ ބްރޯޑްކޮމް އިން ވަނީ ޖިނާއީ ދައުވާ ކުރުމަށް ހުށައަޅާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ރޭޕްގެ މައްސަލައެއްގައި ރާއްޖެ ޓީވީ އިން ގެނެސްދިން ޚަބަރުގައި އެމައްސަލާގައި ހިމެނޭ ފަސާހަތު ހުސެއިންގެ ނަން ޚަބަރުގައި އެކުލަވާލާފައިވަނީ އޭނާގެ ބަހެއް ހޯދުމަކާ ނުލާ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.

އެހެންކަމުން އަބުރު ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އިން މީހެއްގެ އަބުރަށް އަރައިގަނެފައިވާތީ އެ ޓީވީ ޗެނެލްވެސް ވަނީ 200،000ރ. އިން ޖޫރިމަނާ ކޮށްފައެވެ.

ރާއްޖެ ޓީވީ އިން ޖޫރިމަނާގެ ފައިސާ ދެއްކި ދުވަހު ރައީސް ޔާމީނުގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ 1 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ އަނެއްކާވެސް ޖޫރިމަނާ ކުރިއެވެ. މިކަން ރާއްޖެ ޓީވީ އިން ސިފަ ކުރީ ސީދާ އެ ޓީވީ ޗެނެލް ބަންދުކުރުމަށް ރާވައިގެން ކުރި ކަމެއްގެ ގޮތުގައެވެ.

ރާއްޖެ ޓީވީ އިން ވަނީ ގިނަ ބަޔެއްގެ އެދުމުގެ މަތިން "އަބުރުފުޅު ފަންޑު' ގެ ނަމުގައި ޔާމީންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ޖޫރިމަނާ ކުރުމުން އެފައިސާ ދެއްކުމަށް ފަންޑު ފޮއްޓެއް ހުޅުވާފައެވެ.