ފާއިތުވެދިޔަ 10 އަހަރު ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ވާދަވެރި ކުޅުމެއް ފެނިގެން އައިސްފައިވަނީ ލަންޑަނުގެ ޗެލްސީއާއި މެންޗެސްޓާގެ ޔުނައިޓެޑު ބައްދަލު ކުރާ މެޗުތަކުގައެވެ.
މިސީޒަނުގެ ކުރީކޮޅު ޔުނައިޓެޑާއި ޗެލްސީ ބްރިޖްގައި ބައްދަލުކުރި މެޗު ޗެލްސީ ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މޮރީނިއޯގެ ކުރީގެ ކުލަބުން އޭނާއަށް ކިޔާފައިވަނީ ފިނި މަރުހަބާއެކެވެ. މެޗުގެ ފުރަތަމަ މިނެޓުތެރޭ ޗެލްސީ އިން ލީޑު ނަގައި މޮރީނިއޯގެ މުޅި މެޗު ވަނީ ޚަރާބުކޮށްލާފައެވެ.
ފުރިހަމަ ނަތީޖާ 0-4 އިން ނިމިގެން ގޮސްފައިވާއިރު ދެޓީމު ދެން ބައްދަލުކޮށްފައިވަނީ އިނގިރޭސި އެފްއޭ ކަޕުގެ ރައުންޑް އޮފް 16 ގައެވެ. މިމެޗުވެސް ބްރިޖުގައި ކުޅެފައިވާއިރު ޔުނައިޓެޑު ޓީމު ވަނީ އެމެޗުގެ ކުރީކޮޅު ޗެލްސީއަށްވުރެ މޮޅު ކުޅުމެއް ދައްކާފައެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ އެންޑަ ހެރޭރާއަށް ރެފްރީ މައިކަލް އޮލިވާ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މޮރީނިއޯގެ ގޭމް ޕްލޭން އަނެއްކާވެސް ޚަރާބު ވީއެވެ. މިޚިތަރިޔާންގެ ބަދަލުގައި ޑިފެންސިވް މިޑްފީލްޑަށް ފެލައިނީ އަރުވަން ޖެހުނީއެވެ.
ޗެލްސީއިން ވަނީ ނިގޮލޯ ކަންޓޭގެ ގޯލަކާއެކު އެމެޗުގެ ލީޑުވެސް ނަގާފައެވެ. މެޗު ނިމިގެން ގޮސްފައިވަނީ އަނެއްކާވެސް ބްރިޖްގައި ޔުނައިޓެޑް ބަލިވެގެންނެވެ.
އެޕްރިލް މަހުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާ ޔުނައިޓެޑު ސަޕޯޓަރުން ވަނީ އެފްއޭ ކަޕާއި އަލްވަދާއު ކިޔަން ޖެހުމުން އެއީ ބޮޑު ކަމަކަށް ނަހަދާފައެވެ. ނަމަވެސް އާދީއްތަ ދުވަހު ކުޅޭ ލީގު މެޗަކީ ދެޓީމަށްވެސް އިންތިހާއަށް މުހިއްމު މެޗެކެވެ. ޗެލްސީ ތަށި ހޯދުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަށް ޔުނައިޓެޑު ހޯމްގައި ބަލިކުރުން ވާނެއިރު ޔުނައިޓެޑަށް ޓޮޕް 4 އިން ޖާގައެއް ހޯދުމަށް ޗެލްސީ ބަލިކުރުން މަޖުބޫރެވެ.
ނަމަވެސް މިސީޒަނުގައި ޔުނައިޓެޑުގެ ހޯމް ރެކޯޑު ވަނީ ވަރަށް ދަށް ވެފައެވެ. ހޯމްގައި ގިނަ މެޗުތަކުން 1-1 ނުވަތަ 0-0 އިން ޔުނައިޓެޑު ވަނީ އެއްވަރުވެފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ހަމަލާތައް އުފައްދާފައިވިނަމަވެސް ލަނޑެއް ނުފެނި އެތައް މެޗެއް ވަނީ ނިމިގެން ގޮސްފައެވެ. 12 މެޗު މިސީޒަނުގައި ޔުނައިޓެޑު އެއްވަރުވެފައިވާއިރު އޭގެތެރެއިން 8 މެޗަކީ އޯލްޑް ޓްރެފޮޑްގައި އެއްވަރުވެފައިވާ މެޗުތަކެވެ.
ދެޓީމުގެ އަރިމަތީގައިވެސް ތިބީ މޮޅު ދެކޯޗުންނެވެ. މެޗަކީ ދެޓީމަށްވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. ދެޓީމުގެ ކުޅުންތެރިންވެސް ތިބީ ސަޕޯޓަރުން އުފާކޮށްދިނުމަށް ކެތް މަދުވެފައެވެ. މެޗުން މޮޅުވާނީ ކޮން ޓީމެއްތޯ ބެލުމަށް ޕްރިމިއާ ލީގުގެ ބާކީ 18 ޓީމުވެސް ވަނީ ކެތް މަދުވެފައެވެ.