Last Updated: June 24, 13:09
Wednesday, June 24, 2026
ކުޅިވަރު

ޓީއެފްޖީ ލޯންގް ރަންގައި މި ފަހަރު އައްޑޫގެ ދުވުންތެރިން

ދުވުމަށް ޝައުގުވެރިކަން ހުރި އެކި ފަންތީގެ ދުވުންތެރިންނަށް ހާއްސަކޮށްގެން މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގައި އައްޑޫން 4 ދުވުންތެރިން ބައިވެރިވެ ދުވުން ފުރިހަމަކޮށްފިއެވެ.

ދުނިޔޭގެ 18 ގައުމެއްގެ ދުވުންތެރިންނާއި ޕްރޮފެޝަނަލް ދުވުންތެރިންނާއި ދުވުމަށް ލޯބިކުރާ ގާތްގަޑަކަށް 800އެއްހާ މީހުން ދުވި ދުވުމުގައި އައްޑޫން ބައިވެރިވިވެފައިވަނީ މީގެ 3 މަސް ކުރިން އަލަށް ދުވަން ފެށި ދުވުންތެރިންނެވެ.

ދުވުންތެރިން އުފެއްދުމަށް މަސައްކަތް ކުރާ "އައިރަނާސް" އިން އައްޑޫގައި މީގެ ތިން މަސް ދުވަސް ކުރިން ހިލޭ ފެށި ކޯހުގައި ބައިވެރިވި ބައިވެރިން މިއަދު ދުވުން ފުރިހަމަކޮށްފައިވަނީ ގާތްގަޑަކަށް 1 ގަޑި އިރާއި 30 މިނިތް ތެރޭގައެވެ. މި ރޭސް ނިންންމަން ޖެހެނީ 3 ގަޑި އިރު ތެރޭގައެވެ.

"އައިރަނާސް" ގެ ފަރާތުން ބައިވެރިވި މި ދުވުންތެރިންގެ ކޯޗު ހަސަން ޝުޖާ ބުނީ މީގެ ތެރެއިން ބައެއް ދުވުން ތެރިންނަކީ ފުރަތަމަ ފަހަރަށް އައްޑޫ ސްޓޭޑިއަމްގެ ޓްރެކް ވަށައިގެން އެއް ބުރު ޖަހާ ނުލެވުނު ދުވުން ތެރިންކަމަށެވެ. ނަމަވެސް މިއަދު ޓީއެފްޖީ ލޯންގް ރަން އެ ދުވުންތެރިން ފުރިހަމަކޮށްލީ ކަޑައެޅި ވަގުތަށް ވުރެ މާ ކުރިން ކަމަށެވެ.

ޝުޖާ ބުނީ އައްޑޫއިން ދުވަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރުން މިހާރަށްވެސް އައިރަނާސް އާއި ގުޅިގެން ތަމްރީން ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދާނީ ތަޖްރިބާކާރު ކޯޗެއްގެ ބެލުމުގެ ދަަށުން ހިލޭ ކަމަށެވެ.


ޓީއެފްޖީ ލޯންގް ރަންގައި ބައިވެރިވި ނަޒީލް ބުނީ ހުޅުމާލޭގައި ބޭއްވި 10 ކިލޯ މީޓަރ ރަން ނިންމާލުމުން ހިތް ހަމަޖެހޭ ކަމަށާއި، އައްޑޫން މި ދުވުމަށް އައި 4 ބައިވެރިން ހޯދި ކާމިޔާބީ އާއި މެދު ހިތް ހަމަޖެހޭ ކަމަށެވެ. ނަޒިލްގެ އިތުރުން ދުވުން ފުރިހަމަ ކުރި އަނެއް ތިން ދުވުންތެރިންނަކީ އަންހެން ދުވުންތެރިންނެވެ.

ޓީއެފްޖީ ދުވުމަކީ 2013 ވަނަ އަހަރުން ފެށިގެން މެދު ނުކެޑި ހުލުމާލޭގައި ކުރިއަށްގެންދާ ދުވުމެކެވެ.