އެމްޑީޕީގެ މެމްބަޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަކްރަމް ވިދާޅުވީ މެމްބަޝިޕް އިތުރު ކުރުމަށް ޤައުމީ މަޖްލީހުން ފާސް ކުރި ޤަރާރާ ގުޅިގެން އިއްޔެ އެކަނި ވެސް 221 މެމްބަޝިޕް ފޯމް ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ޕާޓީ އޮފީހަށް ލިބިފައި ވަނީ ދ. ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަހްމާން ހުށަހެޅި 120 ފޯމާއި، އެ އަތޮޅު މީދޫ ދާއިރާގެ ރައީސް މުޙައްމަދު ޖައިޝް އިބްރާހިމް (ޖޭމޭ) ހުށަހެޅި 39 ފޯމާއި، ހއ. އިހަވަންދޫ، އަޙްމަދު ރަޝީދު ހުށަހެޅި 62 މެމްބަޝިޕް ފޯމެވެ.
މީގެ އުތުރުން މިދިޔަ ހަފްތާގައި ޕާޓީގެ އޮފީހަށް ވަނީ 199 ފޯމު ލިބިފަ އެވެ. އެއީ ހުޅުހެންވޭރު ދާއިރާގެ 98 ފޯމާއި، ހދ. ވައިކަރަދޫ މުޙައްމަދު ނާޒިމްގެ ފަރާތުން ލިބުނު 12 ފޯމާއި، ޅ. ކުރެންދޫ މުޙައްމަދު އާރިފް ހުށަހެޅި 38 ފޯމްގެ އިތުރުން ނ. ވެލިދޫ އިބްރާހިމް ފާއިޒް ހުށަހެޅި 51 މެމްބަޝިޕް ފޯމެވެ.
އެމްޑީޕީގެ މެމްބަޝިޕް އިތުރު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޤައުމީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރް ފާސްވުމާ ގުޅިގެންނެވެ.
ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯމާއި (3،850) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯމް (1،500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެ ދާއިރާގެ ކަމާ ގުޅުން ހުރި ބޭފުޅުންނާ ގުޅައިގެން ތިން މަސް ދުވަހުގެ ތެރޭގައި 5،850 ފޯމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާ ކަމަށެވެ.
އިލްކްޝަން ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ދައްކާ ގޮތުގައި އެމްޑީޕީގައި މިހާރު ތިބި މެންބަރުންގެ އަދަދަކީ 46،084 އެވެ.