އައްޑޫ ސިޓީ މީދޫގެ 'ނަލަފެހި' ޖަމްއިއްޔާގެ ފަރާތުން ކޯގަންނު ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯގަންނުގެ އިރުމަތީ ފަރާތް ސާފުކޮށްފައި މިވަނީ 'ނަލަފެހި' ޖަމިއްޔާ އާއި މީދޫ ޝަމްސުއްދީން ސްކޫލް ގުޅިގެންނެވެ.
ހުކުރު ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މީދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ވެސް ބައިވެރިވިއެވެ.
'ނަލަފެހި' ޖަމިއްޔާގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އެ ޖަމިއްޔާގެ ފަރާތުން ހިންގާ މިފަދަ ހަރަކާތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިިބެމުން އަންނަ ކަމަށެވެ.
" އިއްޔެ ސާފުކޮށް މި ނިންމާލީ ކޯގަންނު މެދު ފަންނު ހިސާބުން އިރަށް ގޮސް ކޮށިފަންނު މިކިޔާ ހިސާބުގެ މަގާއި ހަމައަށް."
'ނަލަފެހި' ޖަމިއްޔާއިން އިސްނަގައިގެން މިހާތަނަށް ވަނީ މީދޫގެ ވަރަށް ބޮޑު ސަރަހައްދެއް ސާފު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެ ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި މީދޫ ސާފުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.