އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާއި އޭއެފްސީ ބޯންމައުތް ބައްދަލުކުރި މެޗު 0-4 ގެ ބޮޑު ނަތީޖާއިން ސްޕާސް ކާމިޔާބުކޮށްފިއެވެ.
މޫސާ ޑެމްބެލޭ ވަނީ 16 ވަނަ މިނެޓުގައި ސްޕާސްއަށް ލީޑު ނަގާދީފައެވެ. ކުރީކޮޅު ނެގި ލީޑާއެކު ސްޕާސްވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ.
ހިއު-މިންގް ސޮން ވަނީ ސްޕާސްއަށް ތިން މިނެޓު ފަހުން ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު 0-2 ގެ ފަސޭހަ ލީޑަކާއެކު ސްޕާސް ނިންމާލާފައިވާއިރު ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ހެރީ ކޭން ވަނީ ސްޕާސްގެ ލީޑު 0-3 އަށް ފުޅާކޮށްފައެވެ.
މެޗުގެ ފަހު ގޯލު ޖަންސެން ޖަހާފައިވަނީ 90 މިނެޓު ހަމަވެގެން އިތުރު މިނެޓުގެ ގޮތުގައި ރެފްރީ ދެއްކި ތިން މިނެޓު ތެރޭގައެވެ. މިރޭގެ މެޗުން މޮޅުވެ ސްޕާސް ވަނީ ޗެލްސީއާއި ދެމެދުގައި އޮތް ލީޑު 4 ޕޮއިންޓަށް ކުޑަ ކޮށްފައެވެ.
މާދަމާ ޗެލްސީއާއި ޔުނައިޓެޑު ބައްދަލުކުރާއިރު ސްޕާސްގެ ހުރިހާ ފޭނުންވެސް ބޭނުންވާނީ ޔުނައިޓެޑު މޮޅުވުމަށް ކަން ކަށަވަރެވެ. ބޯންމައުތް އޮތީ މިހާރު ލީގު ތާވަލުގެ 15 ވަނައިގައި ރެލިގޭޝަނާއި ހަނގުރާމަ ކުރަމުންނެވެ.