Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

އިރުޝާދިއްޔާ ބަލިކޮށް އައްޑޫ ހައި ސްކޫލުން ތަށި އުފުލާލައިފި

މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފިއެވެ.

އައްޑޫ ހައި ސްކޫލް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗްގައި އިރުޝާދިއްޔާ ސްކޫލް 3-1 ލަނޑުން ބަލިކޮށްގެންނެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އިރުޝާދިއްޔާ ސްކޫލުންނެވެ. މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އައި އިރުޝާދިއްޔާގެ ކެޕްޓަން އައިކު ލަނޑު ޖަހައި އިރުޝާދިއްޔާއަށް ލީޑް ނަގައިދިނީ މެޗްގެ 20 ވަނަ މިނިޓްގައެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން ލިބުނު ބޯޅައެއް އައިކް ގޯލަށް ވައްދާލީ ހައި ސްކޫލްގެ ކީޕަރ ޒަޔާން ވެސް ކަޓުވާލުމަށްފަހު ބޯޅަ ގޯލްގެ އަރިމަތީ ކަނަށް ވައްދާލައިގެންނެވެ.

އިރުޝާދިއްޔާ ސްކޫލުން ލަނޑު ޖެހުމާއިއެކު ހައި ސްކޫލުން ކުޅުން ރަނގަޅުކޮށް މެޗްގެ 33 ވަނަ މިނިޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބްކޮށް ދިނީ ހައި ސްކޫލްގެ ކެޕްޓަން ހާޒިމް ފައުޒީއެވެ. އަދި އޭގެ މިނިޓެއް ފަހުން ހައި ސްކޫލްގެ މުހައްމަދު އަލްސަން ޝަނީޒް ވަނީ ގޯލެއް ޖަހައި ހައި ސްކޫލަށް ލީޑް ނަގާ ދީފައެވެ.

މެޗްގައި އިރުޝާދިއްޔާ ސްކޫލަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭނުން ހިފޭ ގޮތް ނުވެފައެވެ. ހައި ސްކޫލުން މެޗްގެ ލީޑް ފުޅާ ކުރީ 46 ވަނަ މިނިޓްގައި ހާޒިމް ޖަހާދިން ލަނޑުންނެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންނާއި، ކީޕަރ އަދި ފެއާރ ޕްލޭ ޓީމަށާއި ކުޅުންތެރިޔާއަށް ވަނީ ތަށި ހަވާލުކޮށްފައެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ނައިބް ރައީސް ޑރ. އަހްމަދު ޝަކީބްގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ ޖޭން ވަންލީއެވެ.

މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިން

1- އިބްރާހިމް ލީވާން- ސ. އަތޮޅު މަދަރަސާ
2- އަހްމަދު ލޫތު އައްބާސް- އިރުޝާދިއްޔާ ސްކޫލް
3- އިބްރާހިމް ހޫދު އައްބާސް – އިރުޝާދިއްޔާ ސްކޫލް
4- ހުސެއިން އައިކް- އިރުޝާދިއްޔާ ސްކޫލް
5- ހުސެއިން ލައިސް އަދުނާން- ފޭދޫ ސްކޫލް
6- އަހްމަދު ލޫޠު ނައީމް- ފޭދޫ ސްކޫލް
7- ހާޒިމް ފައުޒީ- އައްޑޫ ހައި ސްކޫލް
8- ރަފާހް އިބްރާހިމް – އައްޑޫ ހައި ސްކޫލް
9- މުހައްމަދު ސޮބާހް މަސްރޫރު- އައްޑޫ ހައި ސްކޫލް
10- އަހްމަދު ހާމީ ނަޖާހު- ޝަރަފުއްދީން ސްކޫލް

މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކީ ހައި ސްކޫލްގެ ހާޒިމް ފައުޒީއެވެ.

އެންމެ މޮޅު ކީޕަރަކީ ހައި ސްކޫލްގެ ޒަޔާންއެވެ. ޓޮޕް ސްކޯރާ އަކީ ހައި ސްކޫލްގެ ރަފާހް އިބްރާހިމްއެވެ. ފެއާ ޕްލޭ ޓީމަކީ ފޭދޫ ސްކޫލެވެ.