Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ޒައިދަށް ކުރާ ތުހުމަތު އެކި ފަހަރު އެކި ގޮތަށް

ފޮޓޯ: ސަން

މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ ޒައިދުލް އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ޒައިދުގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ ޒައިދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ އޭނާ ބަންދުކޮށް ތަހްގީގު ކުރި މައްސަލަ ބަދަލު ކުރުމަށްފަހު ކަމަށެވެ. މަހްފޫޒު ވިދާޅުވީ ޒައދިގެ މައްޗަށް އެކި ފަހަރު ކުރަނީ އެކި ތުހުމަތު ކަމަށެވެ. އަދި މިއީ އޭނާގެ ތުހުމަތު ބަދަލު ކުރި ތިން ވަނަ ފަހަރު ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހުގެ ރޭ ޒައިދު ފުރަތަމަ ހައްޔަރު ކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުމުގެ ތުހުމަތުގައެވެ. އަދި ތިން މަސްވެގެން ދިޔަ އިރު އެކިފަހަރު މަތިން އޭނާގެ މައްޗަށް ކުރާ ތުހުމަތު ބަދަލުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ މިކަމާއި ގުޅިގެން ޒައިދުގެ ހައްގުތައް ގެއްލޭތީ ހިއުމަން ރައިޓްސް ކޮމިޝަން ކޮބައިތޯ ސުވާލު އުފައްދާފައެވެ.

ޒައިދުގެ މައްޗަށް ފުލުހުން މިހާރު ތުހުމަތުކުރަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ އަކުރުގައިވާ ކުށެެއް ކުރުމުގެ ތުހުމަތެވެ. މިމާއްދާގައި ބުނެފައިވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމަކީ ކުށެއް ކަމަށެވެ.

ޒައިދުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ 4 މަހާއި 24 ދުވަހަށް ޖަަލަށް ލާނެ އެވެ.