Last Updated: June 24, 13:22
Wednesday, June 24, 2026
ރިޕޯޓް

ވެމްކޯ އަށް ވެސް ކުނި ނުނެގޭ، ޝަކުވާތައް ހުހެއް ނުވޭ!

ކުރީގެ އައްޑު އަތޮޅު އަތޮޅު އޮފީހުން، އޭގެ ފަހުން ކައުންސިލުން އަމިއްލަ ބަޔަކާ ހަވާލުކޮށްގެން އައްޑޫގެ ގޭބިސީތަކުން ނަގަމުން ދިޔަ ކުނި ނެގުން އެމްއާރްޑީސީއާ ހަވާލުކޮށްގެން ފެއިލްވެފައި ވަނިކޮށް ސަރުކާރުގެ ކުނި ނަގާ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްގެން ވެސް އާއްމުން ބޭނުންވާ މިންވަރަށް ހިދްމަތް ނުދެވޭކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވެމްކޯއިން އައްޑޫގެ ކުނި ނެގުމާއި، ކުނި މެނޭޖް ކުރަން ހަވާލުވި ފަހުން އަދި މުޅިވެސް އިވެނީ ރައްޔިތުންގެ ޝަކުވާއެވެ.

ވެމްކޯ އައްޑޫ ރީޖަނަލް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އިބްރާހިމް ފުވާދު ވިދާޅުވީ، ވެމްކޯ އަކީ ފައިދާވާ ކުންފުންޏެއް ކަމަށާއި އައްޑޫގެ ރައްޔިތުން އެދޭ ފަދަ ހިދްމަތެއް ފޯރުކޮށް ދޭނެ ކަމަށެވެ.

ފުވާދު އެދުވަހު ވިދާޅުވީ ފުރަތަމަ 3 ދުވަހުވެސް 500 އެއްހާ މީހުން ހިދްމަތަށް އެދުނު ކަމަށެވެ. އަދި މިހާރު އެ އަދަދު ވަނީ ހާހުން މަތިވެފަ އެވެ.

ވެމްކޯ އައްޑޫގެ ކުނި ނެގުމާއި ހަވާލުވީ ގުޅިފައިވާ ރަށްތަކުން ކުނި ނަގަން 2.5 ޓަނުގެ ދެ ކެމްޕެކްޓް ޓްރަކާ އެކު ހަފުތާއަކު ތިން ދުވަހު ގޭގެއިން އުފެދޭ ކުނި 100ރ. އަށް ނަގައިދޭ ގޮތަށެވެ.

ނަމަވެސް މިއަދު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ގިނަ ގޭގެއިން ހަފްތާއަކު އެއް ދުވަހު ވެސް ކުނި ނުނެގޭ ކަމުގެ ޝަކުވާ އެވެ.

އެމްއާރްޑީސީން ކުނި ނަގަން ފެށުމުން ވެސް ކުރިމަތިވީ މި މައްސަލަ އެވެ.

ވެމްކޯގެ މެނެޖިން ޑިރެކްޓަރު އިބްރާހިމް ފުވާދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ރައްޔިތުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އުއްމީދު ކުރި ވަރަށް ވުރެ ހިދްމަތަށް އެދެމުން އަންނަ މީހުން ގިނަ ކަމަށެވެ.

އެހެންވެ އެ ކުންފުނިން ފުރަތަމަ ދޭން މަސައްކަތް ކުރި "ޒަމާނީ ހިދުމަތު" ގެ ބަދަލުގައި ކުރީގެ އުސޫލުން ޕިކަޕްތަކުގައި ކުނި ނަގަން ނިންމާފައިވާ ކަމަށެވެ.

"ރަނގަޅު ވާހަކައެއް، އަޅުގަނޑުމެން އުއްމީދު ކުރި ވަރަށްވުރެ މާ ގިނަ އަދަދަކަށް ހިދްމަތް ހޯދަން ރައްޔިތުން އެބަ އާދޭ. މިހާރު މަސައްކަތް ކުރަނީ އެފަރާތްތަކަށް ވަގުތީ އުސޫލަކުން ހިދްމަތް ފޯރުކޮ ށްދޭން. އެމަސައްކަތް އެބަދޭ ކުރިއަށް."

ފުވާދު ވިދާޅުވީ އަމިއްލަ ބައެއް ފަރާތްތަކުގެ ޕިކަޕް ކުއްޔަށް ނަގައިގެން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުނި ނަގަން ފަށާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް މަހުގައި އިތުރު ދެ ކޮމްޕެކްޓަ ޓަރަކް އައްޑު އަށް ގެނެވޭނެ ކަމަށް ފުވާދު ވިދާޅުވި އެވެ.

ކުނި ނުނެގި ގޭގެ ގޯތިތެރޭގައި ކުނިވާ މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޝަކުވާ ވެމްކޯ އަށް ހުށަހަޅަމުންނެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ ޝަކުވާއަކީ ވަކި ބާވަތެއް ކުނި އެކަނި ނަގާތީ އެވެ. ނަމަވެސް ފުވާދު ވިދާޅުވީ އެ ހުރިހާ ކަމެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.