Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އިލްހާމްގެ މައްސަލަ ތަހުގީގު އެބަ ކުރަން: ޕޮލިސް

ޕީޕީއެމާ އަލަށް ގުޅުނުން މެންބަރުންތަކެއްގެ ފޯމު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މެމްބަރުންނަށް ބިރުދައްކާފައިވާ ކަމަށްބުނެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ހުށައެޅުއްވި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުންނާ ހަވާލާދީ އެހެން އޮންލައިން ނޫހަކުން ރިޕޯޓްކޮށްފި އެވެ.

ހުސެން އަރީފް ކޮމިޝަނަރު އޮފް ޕޮލިސްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މާޗް 22، 2017 ވަނަ ދުވަހު ރާއްޖޭގެ ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި އިލްހާމް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރު ދައްކައި އިންޒާރު ދިންކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ހުސެން އަރީފް ފޮނުއްވި ސިޓީގައި މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވައި ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ހުސެން ވަނީ ސިޓީއާއެކު އިލްހާމް ވާހަކަ ދެއްކެވި ސީޑީވެސް ފޮނުވާފައެވެ.

އެދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވެފައިވަ ނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ތެރެއިން ވެސް ވޯޓު ލާނީ ހޫނު ފެނަށް އަތްލާން ބޭނުންވާ ނަމަ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖެއްޔާ. ބޭރުން ވެސް އައިސް ވެސް މި ވޯޓުގައި އަތްލާނީ، ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖެއްޔާ."

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ފުލުހުން ވަނީ އިލްހާމް އެއިދާރާއަށް ހާޒިރުކޮށްފައެވެ. ނަމަވެސް ފުލުހުން އެމައްސަލައިގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އިލްހާމްގެ މައްސަލަ އަދިވެސް ނިމިފައިނުވާ އިރު ފުލުހުން ވަނީ ގާސިމް އިބްރާހިމް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލަ ނިންމައި ޕީޖީއަށް ވެސް ފޮނުވައި ފައެވެ.

ޕީޖީން ވަނީ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައިފަ އެވެ.