Last Updated: April 24, 10:23
Wednesday, April 24, 2024
ދުނިޔެ

ސްނެޕްޗެޓްގެ ސީއީއޯ އިންޑިއާ "މާ ފަގީރު" ކަމަށް ބުނުމުން ބޮއިކޮޓް ކުރަނީ

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ، އިންޑިއާ އަކީ ސްނެޕްޗެޓް ބޭނުންކުރުމަށް "މާ ފަގީރު" ގައުމެއް ކަމަށް ބުނުމުން އެގައުމުން ގިނަ ބަޔަކު ސްނެޕްޗެޓް ބޮއިކޮޓް ކުރަން ފަށައިފި އެވެ.

ސްނެޕްޗެޓްގެ ސީއީއޯ އެވަން ސްޕީގެލް މިހެން ބުނެފައިވަނީ މުވައްޒަފަކު އިންޑިއާގައި ސްނެޕް ބޭނުން ކުރާ ނިސްބަތް އެހެން ގައުމުތަކަށް ވުރެ ދަށްވުމުން އެކަން ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް މަޝްވަރާ ކުރުމަށް ސުވާލު ކުރުމުންނެވެ.

އޭނާގެ ސުވާލުގެ މެދުތެރެއިން ސްޕީގެލް ވަނީ ސްނެޕްޗެޓަކީ މުއްސަނދި މީހުން ބޭނުން ކުރުމަށް ހެދި އެޕެއް ކަމަށާއި އިންޑިއާ އާއި ސްޕެއިން ފަދަ ފަގީރު ގައުމުތަކުގައި އެޕްގެ މަސައްކަތް ފުޅާ ކުރުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް ބުނެފަ އެވެ.

ސްނެޕްޗެޓްގެ ސީއީއޯ އިންޑިޔާ މާ ފަގީރު ކަމަށް ބުނެފައިވާ އިރު އެގައުމުގައި އިންޓަނެޓު ބޭނުންކުރާ މީހުންގެ ނިސްބަތް 2020 ވަނަ އަހަރާއި ހަމައަށް ތިން ގުނަ އިތުރު ވާނެ ކަމަށް ބެލެވެ އެވެ.

އެހެންކަމުން އެމެޒޮން އާއި އުބާ ފަދަ އިންޓަނެޓު ބޭނުންކޮށްގެން ހިންގާ ވިޔަފާރި ތަކުން ވަނީ އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތައް އިންޑިޔާގައި ފަށާފައެވެ.

ސްނެޕްޗެޓްގެ ސީއީއޯ އިންޑިއާއާމެދު މިފަދަ ބަހެއް ބުނުމުން އެތައް މިލިއަން ރައްޔިތުން ދަނީ ސްނެޕްޗެޓް ބޮއިކޮޓް ކުރުމަށް ގޮވާލައި ޓުވިޓާގައި އަޑު އުފުލަމުންނެވެ.

އިންޑިއާ އިން އެކަނި ވެސް ސްނެޕްޗެޓްގައި ހަތަރު މިލިއަނާ ކައިރި ކުރާ އަދަދަށް މީހުން ރެޖިސްޓާވެފައި އެބަ ތިއްބެވެ.