Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އައިޓީ ޕާކް ވައުދަށް 1260 ދުވަސް!

ރައީސް ޔާމީން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ. ފޮޓޯ/ އައްޑޫ ލައިވް

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އައްޑޫއަށް ވަޑައިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، އައްޑޫގައި އައިޓީ ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިތާ މިއަދަށް 1260 ދުވަސް ވާނެ އެވެ.

އައިޓީ ޕާކުގެ ޕްލޭނެއް އަދި އެކަމާއި ބެހޭ ވާހަކައެއް އެއްވެސް މުއައްސަސާއަކުން އަދި ޚުދު ރައީސް އަބްދުﷲ ޔާމީން ވެސް އޭގެ ފަހުން ދައްކަވާފައެއް ނުވެއެވެ. އައްޑޫގެ ޒުވާނުން އަދިވެސް އަހަމުން ދަނީ "އައިޓީ ޕާކު ކޮބާހޭ" އެވެ.

ރައީސް ޔާމީންގެ ވެރިކަމަށް 3 އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު ވެސް ޒުވާނުންގެ މި ސުވާލަށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި ސިޔާސީ އެއްވެސް ފަރާތަކުން ޖަވާބު ދެއްވާފައި ނުވެއެވެ.

" މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން " 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނާގޮތުގައި އައިޓީ ޕާކް ފަދަ ތަނެއް ޤާއިމްކޮށްދީިފި ނަމަ ސަރުކާރުން އެތަނަށް ޚަރަދު ކުރަން ނުޖެހޭ ގޮތަށް ވެސް އެތަން ހިންގާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ތަނެއް ސަރުކާރުން ގާއިމްކޮށްދީފާނެތޯ ސުވާލު އުފެދޭ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް އެމީހުން ބުނެއެވެ.

އައިޓީ ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައެވެ. އެހެން ނަމަވެސް އޭގެ ފަހުން އެމަނިކުފާނު މިހާތަނަށް އެވާހަކައެއް ނުދައްކަވައެވެ.