އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ފަށާފައިވާ މަސައްކަތް ފަށައި ގަތުމަށްޓަކައި އީސީސީގައި ހުރި މުދާ ރައްކާ ކުރުމަށް ގުދަނެއް އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު "އައްޑޫ ލައިވް" އަށް ވިދާޅުވި ގޮތުގައި، އީސީސީގައި ވަރަށް ގިނަ އަދަދެއްގެ ތަކެތި އެބަހުރި ކަމަށާއި އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށޭނީ އެތަން ހުސްކޮށްގެން ކަމަށެވެ.
އީސީސީގައި ހުރި މުދާތައް ރައްކާކުރާނެ ގުދަނެއް ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ކޮންތަނެއްގައި ކަމެއް ޒިޔާދު ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ޒިޔާދު ވިދާޅުވި ގޮތުގައި ބަޔަކު މިހާރު ޝޯޓް ލިސްޓު ކުރެވިފައިވާ ކަމަށާއި ހީވާ ގޮތުގައި މިހާރު އެފަރާތާއި މަސައްކަތް ހަވާލުކުރެވިފައިވާނެ ކަމަށެވެ.
"މިހާރު ގުދަނެއް އެޅުމުގެ ޕްރޮގްރާމް މިވަނީ ހަމަޖައްސަން ޖެހިފައި. ބަޔަކު މިހާރު ވަނީ ޝޯޓް ލިސްޓު ކުރެވިފައި. ވަރަށް އަވަހަށް އެވޯޑް ކުރާނެ. އަޅުގަނޑަށް ހީވާގޮތުން ވެއްޖެއްޔާ. އެވޯޑް ކުރެވިފަ ކަންނޭނގޭ މިހާރު އޮންނާނީ."
"ހޮސްޕިޓަލުގެ އެތެރޭގެ މަސައްކަތް އެބަދޭ ކުރިއަށް، އެތެރޭގައި ހުރި ބިއްގަނޑުތަކާއި އެއްޗިހި ނައްޓައި އެމަސައްކަތް ކުރިއަށް އެބަދޭ. ވަރަށް ގިނަ މުދާ އެބަހުރި އެތާނގާއި. އަޅުގަނޑުމެން މިޖެހެނީ އެ އެއްޗިހި ސެކުއަރކޮށް ތަނެއްގައި ބަހައްޓަން. އެގޮތުން މިހާރު ގުދަނެއް އެޅުމުގެ ޕްރޮގްރާމް މިވަނީ ހަމަޖައްސަން ޖެހިފައި. ބަޔަކު މިހާރު ވަނީ ޝޯޓް ލިސްޓު ކުރެވިފައި. ވަރަށް އަވަހަށް އެވޯޑް ކުރާނެ. އަޅުގަނޑަށް ހީވާގޮތުން ވެއްޖެއްޔާ. އެވޯޑް ކުރެވިފަ ކަންނޭނގޭ މިހާރު އޮންނާނީ. "
އީސީސީ ހޮސްޕިޓަލަށް ބަދަލުކުރުމަށް ހަވާލުކޮށްފައިވާ އެލިއާ ކުންފުންޏަށް ވެސް ދިމާވެފައިވާ ދައްޗަކީ އީސީސީގައި ހުރި މުދާތައް ގޮސް ވައްދާނެ ތަނެއް ނެތުން ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގުދަން އަޅަނީ، ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމެންޓް ހިންގާ އިމާރާތް ހުންނަ، ކުރީގެ އަތޮޅު އޮފީސް ގޯތި ތެރޭގައެވެ.
އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން އެލިއާ ކޮންސްޓްރަކްޝަނާ 161.8 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
ހައުސިން މިނިސްޓަރ މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް ނިންމައި އެންމެ ލަސްވެގެން މޭ 8، 2018 ގައި އެ ތަން މިނިސްޓްރީއާ ހަވާލު ކުރާނެ ކަމުގެ ޔަގީންކަން އެލިއާ އިން ދީފައިވާ ކަމަށެވެ.
އެހެންވީމާ އެގުދަން އެޅީމާ އަޅުގަނޑުމެންނަށް އެތާހުރި ތަކެތިތައް ނެރެ ގުދަންކުރެވޭނީ. އެހެންވީމަ އަނެއްހެން އެ މަސައްކަތް އެބަދޭ. އަޅުގަނޑުމެން ހިތައް އަރާހާ ސްޕީޑެއްގައެއް ނުދޭ. ދެން އެހެން ނަމަވެސް އެބަދޭ މަސައްކަތް. އަޅުގަނޑުމެން މިބަލަނީ ދެން އެ ދާނެކަމަށް. ދެން އަޅުގަނޑުވެސް ހަމަ ތިމަސައްކަތް ޗެކްކޮށްލަން އިނގޭތޯ އެލިއާ ގްރޫޕާ ހަވާލުވެފަ އޮތީ. އެލިއާއަށް ވެސް ހުރި ދަތިތަކަކީ، އެތާ ހުރި މުދާތައް ގޮސް ވައްދާނެ ތަނެއް ނެތް އެއްޗިހިތައް އުކާލެވޭކަށް ނޯންނާނެތާ. އެ ސެކިއަރ ކޮށް ތަނެއްގަ ބަހައްޓާފަ ދެއްތޯ. ކުރިއަށް އޮތްތާނގައި ލަސްތަކެއް ނުވެ އެބައިތައް ކުރިއަށް ދާނެ.
ޖުމްލަ 18 މަސް ދުވަހުން ނިންމައި އީސީސީގައި ހަދާ ހޮސްޕިޓަލުން ހިދްމަތްދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ދަނީ "މުސްކުޅި ސާރިދޯޅި"ސްޕީޑްގައި ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.