Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ޗެލްސީ ބަލިކޮށް ޔުނައިޓެޑު ބަދަލު ހިފައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު 0-2 އިން ޔުނައިޓެޑު ކާމިޔާބުކޮށް ސީޒަނުގެ ކުރިމަތިވި ބައްޔަށް ބަދަލު ހިފައިފިއެވެ.

މުޅި މެޗުގައިވެސް ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ގޯލު 7 ވަނަ މިނެޓުގައި ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ވަނީ ޖަހާފައެވެ. މެދު ހާފު ކައިރިން ހެރޭރާ ރަޝްފޯޑަށް ދިން ބޯޅަ އޭނާ ވަނީ ހުށިޔާރު ކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ޗެލްސީގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ހަޒާޑް، ކަންޓޭ، ޕެޑްރޯ އަދި ޑިއެގޯ ކޯސްޓާއަށް މިރޭގެ މެޗުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ޗެލްސީއަށް ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ނުއުފެއްދިއެވެ.

ދެވަނަ ހާފުގައިވެސް ފުރަތަމަ ހާފެކޭ އެއްފަދައިން ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ތެރޭގައި އެންޑަ ހެރޭރާ ފޮނުވާލި ބާރު ބޯޅަ ޗެލްސީ ކުޅުންތެރިއެއްގެ ފައިގައި ޖެހި ގޯލުގެ ތެރެއަށް ވަނީ ވަދެގެން ގޮސްފައެވެ.

މުޅި މެޗުގައިވެސް ޔުނައިޓެޑުގެ އެންޑާ ހެރޭރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ އެޓޭކާއި އެއްވަރަށް ޑިފެންސުގައިވެސް ބައިވެރިވެފައެވެ.

މިމޮޅާއެކު މިސީޒަނުގެ ޓޮޕް 4 އަށް ދިއުމަށް ޔުނައިޓެޑަށް ވަނީ ވަރަށް ބޮޑު ހިތްވަރެއް ލިބިފައެވެ. ލީގު ތަށި ހޯދުމަށް ޗެލްސީ ކުރަން ޖެހޭ މަސައްކަތް މިރޭގެ ބައްޔާއެކު ވަނީ އިތުރުވެފައެވެ.