ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް(ސަމްޕަތް) ގެ މައްޗަށް ދައުލަތުން ކުރި ދެވަނަ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް ފިއެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން ވިސާމްގެ މައްޗަށް ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރު މާލޭގައި ހިނގި މުޒާހަރާއެއްގައި ފުލުހުން މީހަކު ހައްޔަރު ކުރުމުން ވިސާމް ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އަޅާފައި ކަމަށެވެ.
ނަމަވެސް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވެފައި ވަނީ ވިސާމް ފުލުހުންގެ ދައުރު އަދާކުރި ކަމަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށާއި އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.
މިއީ ދައުލަތުން ވިސާމްގެ މައްޗަށް އުފުލި ދެވަނަ ދައުވާ އެވެ.
ފުރަތަމަ ދައުވާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ފުލުހުން ހުށައެޅި ހެކިތަކުގެ މައްޗަށް ކޯޓުން ވަނީ ވިސާމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 28،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.