ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެއާއި އޮފީސް އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާ ފާސްކުރުމުން ރައީސް ޔާމީނަށް ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ފާޑު ވިދާޅުވެއްޖެއެވެ.
އަމީން ބުނެފައިވަނީ ގާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމީނު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރި ޚަރަދުތަކާއި އުފުލި ބުރަ ތަކުގެ ތަފްސީލު ކަމަށެވެ.
"ޤާސިމްގެ އޮފީހާއި ތަންތަން ބެލުމުން ފެންނާނީ ޔާމީން ހޮވަން ޤާސިމް ކުރެއްވި ބުރަ މަސައްކަތާއި ޚަރަދުގެ ތަފްސީލް. ޔާމީން އަދާކުރަން ޖެހޭ ހައްގުތައް."
ކްރިމިނަލް ކޯޓުން އިއްޔެ ފުލުހުންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ ރިޝްވަތު ދިނުމުގެ މައްސަލާގައި ގާސިމް އިބްރާހިމްގެ ގެއާއި އޮފީހުން މައްސަލައާއި ގުޅުންހުރި ހެކި ހޯދުމަށް 24 ގަޑިއިރު ވަންދެން ބަލާ ފާސްކުރުމަށާއި މައްސަލައާއި ގުޅުންހުރި ތަކެތި ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށެވެ.
ފުލުހުން ވަނީ ގާސިމްގެ ފޯނުވެސް އަތުލާފައެވެ. ތިން ދައުވާއެއް ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވާއިރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކޯޓުގައި އެދުމުން ގާޒީ ވަނީ ގާސިމް ހައްޔަރުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމްކޮށްފައެވެ.