Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

"ފައިސާ ގޯނި އުފުލި" މައްސަލަ ފުލުހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އެމްޑީއޭއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް "ފައިސާ ގޯނި ހިފައިގެން" މެމްބަރުން ކައިރިއަށް ފައިސާ ބަހަން ދިޔަކަމަށް ބުނި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންނާ ހަވާލާދީ އެހެން މިޑީއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފުލުހުން މައްސަލަ ބަލަން ފަށާފައި ވަނީ އެމައްސަލަ ފުލުހުންނަށް ހުށައެޅުމުންނެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ރިޝްވަތުގެ ތުހުމަތުގައި ގާސިމް އިބްރާހިމް ހައްޔަރުކުރުމުން ކުރީގެ ރައީސް މައުމޫން ވަނީ ހެއްކެއް ނެތި ގާސިމް ހައްޔަރުކޮށްފައިވާއިރު ފައިސާ ގޯނި ހިފައިގެން މެމްބަރުން ކަމަށް ދިޔަކަމަށް އިއުތިރާފްވި މީހާގެ މައްސަލަ ނުބަލަނީ ކީއްވެތޯ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސުވާލު އުފައްދާފައެވެ.

އޭސީސީން ވަނީ މެމްބަރު މުހައްމަދު އިސްމާއީލް އެވާހަ މަޖިލިސް ތަޅުމުގައި ބުނި ފަހުން ޓީވީ ޗެނެލްއެއްގައި ވެސް އެ ވާހަކަ ތަކުރާރު ކުރުމުން އެމައްސަލަ ބަލަން ފަށައިފަ އެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް އޭސީސީގެ ބަހެއް "ފައިސާ ގޯނި ހިފައިގެން ދިޔަ" މައްސަލައާއި ގުޅިގެން ލިބިފައެއް ނުވެއެވެ.