Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ގަވާއިދާ ޚިލާފުވި ކަމަށް ބުނެ ސައުދު ޕާޓީން ވަކިކޮށްފި

ދާދި ފަހުން ރައީސް ޔާމީނަށް ކުރެއްވި ތާއީދު ގެންދަވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނާއި ގުޅުނު ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަސާސީ ގަވާއިދާއި ޚިލާފުވި ކަމަށް ބުނެ ޕީޕީއެމް އިން ވަކިކޮށްފިއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ބައްދަލުވުމެއްގައި ބައިވެރިވި ފަސް މެމްބަރުންގެ އިއްތިފާގުން ސައުދު ވަކި ކުރުމަށް ފާސްކޮށްފައިވާއިރު ސަބަބަކަށް ބުނެފައިވަނީ ރައީސް ޔާމީނަށާއި މިސަރުކާރަށް ތާއީދުނުކޮށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރުމަކީ އަސާސީ ގަވާއިދާއި ޚިލާފު ކަމެއް ކަމަށް ވާތީ ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ސައުދު އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރީ ކަމަށެވެ.

ސައުދުއަށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ޕާޓީއާއި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނާއެކު މަސައްކަތް ކުރާ ކަމަށާއި ސޯޝަލް މީޑިޔާގައި ޕާޓީގެ އަސާސްތަކާއި ޚިލާފަށް ވަކާލާތު ކުރަމުން ގެންދާ ކަމަށް ފާހަގަކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ.

ޕާޓީއިން ސައުދު ވަކިކޮށްފައިވާއިރު ޕާޓީގެ ރައީސަކީ މައުމޫން ކަމަށާއި އެމަނިކުފާނަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެ މައުމޫން ދިފާއުކުރުމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުންވެސް ސައުދު ވަނީ ބޭރުކޮށްލާފައެވެ.