Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މާފުއްޓަށް ޑްރަގް އެތެރެ ކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

photo: Police

މާލެ އަތޮޅު މާފުއްޓަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަތުލައިގެންފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މިއޮޕަރޭޝަނުގައި ފުލުހުންގެ ޓީމެއް ވަނީ އެއަންހެން މީހާ ލޯންޗަކުން ގޮސް މާފުއްޓަށް ފޭބުމުން އޭނާ ހުއްޓުވައި ބަލާ ފާސްކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައިވަނީ އަންހެން މީހާ އަޅައިގެން ހުރި އަތް ދަބަހުގެ ތެރެއިން ކަމަށެވެ.

އަންހެން މީހާގެ އަތްދަބަހުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކި އެއްޗެއް އެޅި 30 ޕެކެޓާއި ފޯނު ތިން ބެޓެރީއާއި ސިމްް ކާޑެއް ވަނީ ފެނިފައެވެ.

އަންހެން މީހާ މަސައްކަތް ކުރީ މިތަކެތި މާފުށީ ޖަލަށް ވައްދަން ކަމެއް ނުވަތަ ނޫން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކ. މެޖިސްޓްރޭޓު ކޯޓަށް އަންހެން މީހާ ހާޒިރުކުރުމުން ގާޒީ ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށް ހޯމް މިނިސްޓްރީ އިން އެދޭ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްފައެވެ.