Last Updated: June 11, 22:21
Thursday, June 11, 2026
މުނިފޫހިފިލުވުން

"އޭބީސީޑީ" ގެ ކޮރެއާ ފިލްމަށް "ގަންގްނަމް" ސައި!

ދާދި ފަހުން ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ވެސް ހޯދި އިންޑިއާގެ ފުރަތަމަ 3ޑީ ޑާންސް ފިލްމް އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ) ގެ ކޮރިއަން ރީމެކިންއެއް ހެދުމަށް އެ ގައުމުގެ ޕްރޮޑަކްޝަން ހައުސްތަކުން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށް "އޭބީސީޑީ" އުފެއްދި ޔޫޓީވީން ބުނެފި އެވެ.

ޔޫޓީވީގެ މެނެޖިން ޑިރެކްޓަރު އަދި ބަތަލާ ވިދިޔާ ބަލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރު ބުނީ ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށް، ޕްރަބޫދޭވާ ލީޑް ރޯލް ކުޅުނު "އޭބީސީޑީ" ގެ ރައިޓްސް ހޯދުމަށް ކޮރިއާގެ ވަރަށް ގިނަ ޕްރޮޑަކްޝަން ހައުސްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"އެކަމާ ބެހޭ ގޮތުން އަހަރެމެން މިހާރު މި އަންނަނީ މަޝްވަރާ ކުރަމުން. ވަރަށް ގިނަ ޕްރޮޑަކްޝަން ހައުސްތަކުން އޭބީސީޑީގެ ރައިޓްސް ހޯދުމަށް އެބަ ޝައުގުވެރިކަން ފާޅު ކުރޭ،" ސިދާތު ބުންޏެވެ. "އެހެން ނަމަވެސް އަދި މިކަން އޮތީ މަޝްވަރާ މަރުހަލާގެ ތެރޭގައި ކަމަށްވާތީ އިތުރު ތަފުސީލަކާ ހަމައަށް ދާން އަދި ވަރަށް ދަތި. އޭބީސީޑީ އަށް ލިބުނު ކާމިޔާބީ އާ ދޭތެރޭ އަހަރެމެން ވަރަށް ހިތްހަމަޖެހޭ."

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "އޭބީސީޑީ" ކޮރިއާ ބަހުން އުފައްދާ އިރު އެ ފިލްމްގެ ލީޑް ރޯލް ކުޅޭނީ "ގަންގްނަމް ސްޓައިލް" ލަވަ އިން މުުޅި ދުނިޔޭގެ ސަމާލުކަން ހޯދި އެ ގައުމުގެ ރެޕާ ސައި އެވެ. އަދި "އޭބީސީޑީ" ގެ ރައިޓްސް ހޯދުމަށް އެންމެ ބޮޑަށް މަަސައްކަތް ކުރަމުން އަންނަ ޕްރޮޑަކްޝަން ހައުސް އިން ވަނީ ސައި އަށް ފިލްމްގެ ލީޑް ރޯލް ވެސް ހުށަހަޅާފަ އެވެ.

އެކަން އެގޮތަށް ވެެއްޖެ ނަމަ "އޭބީސީޑީ" ގައި ޕްރަބޫދޭވާ ކުޅުނު ރޯލުން ފެނިގެން ދާނީ ސައި އެވެ.