ރާއްޖޭގެ ހިއްސާ ބާޒާރުގައި ހިއްސާ ވިއްކަން ފަށާ އެންމެ ފަހުގެ ކުންފުންޏަށް އުރީދޫ މޯލްޑިވްސްވެއްޖެ އެވެ.
އުރީދޫ އިން މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާގައި ހިއްސާ ވިއްކުން އިފްތިތާހު ކުރާނެ އެވެ. އުރީދޫން މައުލޫމާތު ދީފައިވާ ގޮތުގައި ހިއްސާއެއް ވިއްކާނީ 30ރ. ގެ މަގުންނެވެ.
ފުރަތަމަ 22 މިލިއަން ހިއްސާ ވިއްކުމަށް އުރީދޫން ނިންމާފައިވާ އިރު ގަންނަން ހުށައަޅާ މިންވަރު އެއަށް ވުރެ މަތިވެއްޖެ ނަމަ 59 މިލިއަން ހިއްސާ ވިއްކުމަށް އުރީދޫގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
ރަސްމީކޮށް ހިއްސާ ވިއްކަން ފެށުމަށް އުރީދޫ އިން ކަނޑައަޅާފައިވާ ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހެވެ. އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އުރީދޫ އިން ހިއްސާ ވިއްކުމަށް ހަމަޖެހިފައިވެއެވެ.
މަދުވެގެން ކޮންމެ މީހަކަށްވެސް ގަނެވޭނީ 50 ހިއްސާއެވެ.
އަމިއްލަ ފަރުދުންނަށާއި ކުންފުނި ތަކަށާއި ކޯޕަރޭޓް ސޮސައިޓީތަކަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލައިފަ އެވެ.