Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

އެމްޑީޕީ ޗެއާޕާސަންގެ ސިޓީއެއް އިންޑިއާ އަށް

މި މަހުގެ 13 ވަނަ ދުވަހު ނަޝީދު ހައި ކޮމިޝަނަށް ވަޑައިގަންނަވަނީ: މިއަދު އެތަނުން ވަނީ ނުކުމެވަޑައިގެންފައި. ފޮޓޯ/ ޖޭޑް

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޙަށް ސުލްޙަވެރި ޙައްލެއް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީ، ތާޢީދު ދިނުމަށް އެދި އެމްޑީޕީން އިންޑިޔާގެ ކިބައިން އަނެއްކާ ވެސް އެދެފި އެވެ.

އިންޑިޔާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚުރުޝީދަށް އެމްޑީޕީގެ ޗެއަޕާސަން ރީކޯ މޫސާ މަނިކު ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއްގައި މިކަމަށް އެދިވަޑައިގެން، މި މަގުން އިންޑިއާ އިން ކޮށްދީފައިވާ މަސައްކަތްތަކަށާއި، ފޯރުކޮށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައިވެ އެވެ.

މިއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށްގެން ބުދަ ދުވަހު ކޯޓަށް ޙާޒިރުކުރުމަށް ނެރެފައިވާ ކޯޓު ޢަމުރުގެ މައްޗަށް ވެސް އެމްޑީޕީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން މޫސާ މަނިކު ފޮނުއްވި ސިޓީގައި ލިޔުއްވާފައި ވަނީ ނަޝީދު ހައްޔަރު ކުރުމަށް ދެވަނަ ފަހަރަށް ކޯޓުން ޢަމުރުކުރުމާ ވިދިގެން ފުލުހުންގެ އަތް ދަށުގައި އެ މަނިކުފާނުގެ ސަލާމަތްތެރި ކަމަށް ކުރިމަތިވެދާނެ ނުރައްކަލަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށާއި، ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ފަރާތުން އެ މަނިކުފާނަށް އެކިބާވަތުގެ އަނިޔާ އާއި ގޯނާ ކުރިމަތިވެފައިވާ ކަމަށެވެ.

އިންޑިޔާގެ ސަރުކާރުގެ ފަރާތުން ރައީސް ނަޝީދާ މެދު ބަހައްޓަވާ ގާތްކަމާއި، އެ މަނިކުފާނަށް ބަހައްޓަވާ މެހެމާންދާރީގެ ފުރިހަމަކަމުގެ މައްޗަށް ވެސް އެމްޑީޕީގެ ޗެއަޕާސަން ވަނީ ސިޓީގައި ޝުކުރު އަދާ ކުރައްވާފަ އެވެ.