Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ރޯދަ މަހަށް "ޒިކުރާ މިސްކިތް" ބޮޑު ކުރަނީ

މަސްޖިދުއް ޒިކުރާ މަރާމާތު ކުރަނީ، ފޮޓޯ: ޝަރަފް/އައްޑޫލައިވް

އިޖުތިމާޢީ އަދި ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ސ.ހިތަދޫ ގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ "ޒިކްރާ ފައުންޑޭޝަން" ގެ ފަރާތުން ސ.ހިތަދޫ މަސްޖިދުއް ޛިކުރާ މިސްކިތުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޒިކުރާ ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަލީ ސައުދީ ވިދާޅުވީ މިސްކިތުގެ ޖާގަ އިތުރު ކުރުމުގެ ގޮތުން މިހާރު ކުރިއަށް ގެންދަނީ މިސްކިތަށް އިތުރު ކުރެވޭ ބައިގެ މަތީބެރި އާއި ގަޓަރު ކޮންކްރީޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

"އުއްމީދަކީ މިހަފްތާގައި ކޮންކްރީޓްގެ މަސައްކަތް ނިންމާ ފެށޭ ހަފްތާގައި ހިޔާކުރުމުގެ މަސައްކަތް ކޮށް، މިސްކިތަށް އިތުރު ކުރެވޭ ބައިގައި މިއަހަރު ރަމަޟާންމަހު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އެމަސައްކަތް ބާރު ސްޕީޑެއްގައި މިހާރު ކުރިއަށް މިދަނީ"

ސައުދީ ވިދާޅުވީ މި މަސައްކަތް ފުރިހަމަކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކާ ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުގެ އެހީތެރިކަން ޖަމިއްޔާ އަށް ވަރަށްބޮޑަށް ބޭނުންވާ ކަމަށާއި، އެފުރުޞަތު އެންމެހާ ފަރާތްކަށް ހުޅުވިފައިވާ ކަމަށެވެ

މަސްޖިދުއް ޒިކުރާ މަރާމާތު ކުރަނީ، ފޮޓޯ: ޝަރަފް/އައްޑޫލައިވް

މިސްކިތުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތުގެ އިތުރުން ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް "މަސްޖިދުއްޛިކުރާ" ގައި ކީރިތި ޤުރުއާން ޚަތިމުކޮށް އިމާމުވެ ތަރާވީހު ނަމާދާއި ދަމުނަމާދު ކުރާނެ އިމާމަކު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތާއި އަދި މަސްޖިދުއްޛިކުރާ ގައި ރަމަޟާންމަހުގެ ދުވަސްތަކުގައި ރޯދަވީއްލުމުގެ އިންތިޒާމްތައް ހަމެއްސުމާބެހޭ މަސައްކަތް ވެސް ޒިކުރާ ފައުންޑޭޝަންގެ އިން ކުރައްވަމުން ގެންދަވާކަމަށް ޢަލީ ސަޢުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ އިޖުތިމާޢީ ގޮތުން ދީނީ ކަންކަން ކުރިއެރުވުމުގެ މަޤްޞަދުގައި "ޒިކްރާ ފައުންޑޭޝަން" އިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހެޔޮ އެދިވަޑައިގަންނަވާ ފަރާތްކުން ފޯރުކޮށްދެއްވަމުން ގެންދަވާ ގިނަގުނަ އެހީތަކަށްޓަކާ ގެންދަވާ އެންމެހާ ފަރާތްތަކަށް ޛިކުރާ ފައުންޑޭޝަންގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.

ޒިކުރާ މިސްކިތުގެ ޖާގަބޮޑު ކުރުމުގެ މަސައްކަތަށޤ ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އިރު އެ މަސައްކަތަށް އާންމު ފަރާތްތަކުގެ މާލީ އެހީތެރިކަން ލިބެމުންދާ ކަމަށާއި އަދި ވެސް އިތުރަށް އެހީ ބޭނުންވާ ކަމަށް 'ޒިކުރާ ފައުންޑޭޝަން' އިން މައުލޫމާތު ދެއްވައެވެ.

"ޒިކްރާ ފައުންޑޭޝަން" އަކީ ހިތަދޫގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކިރުމަށް މަސައްކަތް ކުރުމުގެ އިތުރުން ރާއްޖެއިން ބޭރުން ޙާފިޒުން ގެނެސްގެން ތަރާވީޙު ނަމާދާއި ދަމުނަމާދު ކުރުވުމާއި، ރޯދަވީއްލުމުގެ ޕްރޮގްރާމްތަކާއި ޢީދު ދުވަހު ޢީދުސައި ބޭއްވުމާއި އުޟުޙިއްޔާ ކަތިލުން ފަދަ ޕްރޮގްރާމްތައް ހިންގަވާފައިވާ ޖަމިއްޔާ އެކެވެ.