Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އެ ބުނާ ސުލޫކީ ކޮމިޓީ ބާތިލް: މައުމޫން

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ޕާޓީ އިން ވަކިކުރުމުން ކޮމިޓީއަށް ކުރީގެ ރައީސް މައުމޫން ފާޑުވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެބުނާ ސުލޫކީ ކޮމިޓީއަކީ ސަސްޕެންޑު ކޮށްފައި އޮތް ބާތިލު ކޮމިޓީއެއް ކަމަށެވެ. އެހެންކަމުން އެފަދަ ކޮމިޓީއަކުން ނިންމާ ނިންމުމަކީވެސް ބާތިލު ނިންމުމެއް ކަމަށާއި އެއަށް ތަބަޢަ ވާކަށް ނުޖެހޭ ކަމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ސައުދު އަކީ ޕީޕީއެމްއަށް ވަފާތެރި، އިޚުލާސްތެރި މެމްބަރެއް ކަމަށާއި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ސައުދުގެ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ވަނީ ރައީސް މައުމޫންއާއި ސައުދުވެސް ޕާޓީ އިން ވަކިކޮށްފައެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނު ވަކިކޮށްފައިވަނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި ގަވާޢިދާއި ޚިލާފު ނިންމުމަކަށް އަމަލު ނުކުރައްވާނެ ކަމަށެވެ.