Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ރޮނާލްޑޯގެ ހެޓްރިކާ އެކު ރެއާލުން ބެޔާން ރޮއްވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއަލް މެޑްރިޑާއި ބެޔާން މިއުނިކް ބައްދަލުކުރި މެޗުގެ ދެވަނަ ލެގު 2-4(3-6) އިން ރެއަލް ކާމިޔާބުކޮށް ސެމީގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިގެންގޮސްފައިވާއިރު ދެޓީމުންވެސް ވަނީ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ރެއަލްގެ ޕެނަލްޓީ އޭރިޔާތެރެއިން ރޮބެން ވައްޓާލުމާ ގުޅިގެން ބެޔާންއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.

ލެވެންޑޮސްކީ ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވަދެގެން ބެޔާންއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް ރޮނާލްޑޯ ވަނީ 76 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށް އެގްރިގޭޓުން ރިއަލްއަށް ކުރި ހޯދާދީފައެވެ. ރޮނާލްޑޯގެ ލީޑު ރެއަލްއަށް ދެމެހެއްޓިފައިވަނީ އެންމެ ދެމިނެޓަށެވެ. 78 ވަނަ މިނެޓުގައި ރާމޮސް އަތުން ވަން ބައި ގޯލަކާއެކު ބެޔާންވަނީ މެޗުގެ ތެރެއަށް އަނބުރާ ވަދެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެފައިވަނީ 2-1 އިން ބެޔާން ކުރީގައި އޮވެގެންނެވެ. އެއީ އެގްރިގޭޓު ނަތީޖާ 3-3 އިން އެއްވަރުވެގެންނެވެ. އެވޭ ގޯލުވެސް ދެޓީމަށް އެއްވަރުވުމުން ދެން ޖެހުނީ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފު ކުޅޭށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކްރިސްޓިއާނޯ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ. ނަމަވެސް ރޮނާލްޑޯ މިގޯލު ޖަހާފައިވަނީ އޮފްސައިޑް ޕޮސިޝަނެއްގައި ހުރެގެންނެވެ. މެޗް އޮފިޝަލުންނަށް އެމަންޒަރު ފެނިފައިނުވުމުން ގޯލު ވަނީ ރެއަލްއަށް ލިބިފައެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި މާސެލޯ ވަނީ ހުސް ގޯލަކަށް ޖަހަން ލިބުނު ފުރުސަތު ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަ ކުރުމަށް ރޮނާލްޑޯއަށް ޕާސްކޮށްފައެވެ. ހުސް ގޯލަކަށް ރޮނާލްޑޯ ލަނޑު ޖަހައި ރޭގައި އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި 100 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށްވެފައެވެ.

ރެއަލްގެ ފަހު ގޯލު ދެމިނެޓު ފަހުން ޖަހާފައިވަނީ ޒުވާން ފޯވާޑް މާކޯ އެސެންސިއޯއެވެ. ރޭ އެތްލެޓިކޯ މެޑްރިޑާއި ލެސްޓާ ކުޅުނު މެޗު އެތްލެޓިކޯ އިން ވަނީ އެގްރިގޭޓުން 1-2 އިން ކާމިޔާބުކޮށް ސެމީއިން ޖާގަ ހޯދާފައެވެ. މިރޭ ކުޅޭނީ ކުއާޓާ ފައިނަލުގައި ބާސާއާއި ޔުވެންޓަސް ކުޅޭ މެޗުގެ ދެވަނަ ލެގާއި މޮނަކޯ އާއި ބޮރޫޝިޔާ ޑޯޓްމަންޑްގެ ދެވަނަ ލެގެވެ.