Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ގަން އެއާޕޯޓް ތަރައްގީ ކުރަން "ލަގާން" ޝޯޓްލިސްޓް ކޮށްފި

މޯލްޑިވިއަންގެ އެއާބަސް އޭ 320 ބޯޓު އައްޑުއަށް ކުރި ފުރަތަމަ ދަތުރުގައި ޓޫރިސްޓުން ފައިބަނީ. ފޮޓޯ/ ޝަރަފް

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދިގުކޮށް އެއާޕޯޓް ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި ދެ ކުންފުނީގެ ޕްރޮޕޯސަލް ދިރާސާކުރުމަށް ފަހު ޔޫކޭގެ ލަގާން އިންޓަނޭޝަނަލް ޝޯޓް ލިސްޓް ކޮށްފައިވާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ(ޝާޑް) ވިދާޅުވެއްޖެ އެވެ.

ގަން އެއާޕޯޓް ތަރައްޤީ މަޝްރޫ އާ ގުޅޭގޮތުން "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާޑް ވިދާޅުވީ ލަގާން ޝޯޓްލިސްޓް ކޮށް އެ ކުންފުނީގެ ވެރިން ނާއި އެކު މިދިޔަ ހަފްތާ ތެރޭގައި މާލޭގައި އޭއައިއޭ ބޯޑާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ޝާޑް ވިދާޅުވީ ލަގާންގެ ޕްރޮޕޯސަލް ދިރާސާ ކުރުމަށް ފަހު މިމަ ހުގެ 22 ވަނަ ދުވަހު ޕްރޮޖެކްޓަށް ފަންޑުކުރާ އިނގިރޭސި ބެންކާއި އެކު ބައްދަލު ކުރުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

"ފެބްރުއަރީ 22 ވަނަ ދުވަހު ޕްރޮޖެކްޓަށް ފަންޑް ކުރާ ބޭންކާއި އެކު ބައްދަލުވުން މި ބާއްވަނީ. ވަރަށް އުއްމީދު އެބަ އޮތް ފަންޑިން ކަންތައްތައް ހަމަޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ލަގާން ކުންފުންޏަކީ ގަމުގެ އާ ޓާމިނަލް މަސައްކަތްވެސް ކުރި ކުންފުންޏެވެ. އަދި މި ޕްރޮޖެކްޓަށް ފަންޑް ކުރަނީ ވެސް އާ ޓަމިނަލް އަށް ފަންޑް ކުރި އިނގިރޭސި ބޭންކުންނެވެ.

ޝާޑް އިތުރަށް ވިދާޅުވީ ބެންކާ އެކު ބާއްވާ ބައްދަލުވުން ކާމިޔާބު ވެއްޖެނަމަ 45 ދުވަހުގެ ތެރޭގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަަށެވެ.

"ކުރިން އާޓާމިނަލް އެޅުމަށް ނެގި ލޯން މިވަނީ 2008 ވަނަ އަހަރުތެރޭގައި އަދާކޮށް ނިމިފައި. އެހެންވީމަ ވަރަށް ބޮޑު ފަސޭހަކައަކަށް ވާނެ އަލުން އެބޭންކުން ފައިނޭންސް ހޯދުން." ޝާޑް ވިދާޅުވިއެވެ.

ގަން އެއާޕޯޓް ރަންވޭ ދިގު ކުރުމަށް ހިންގާ ޕްރޮޖެކްޓަށް ބޭނުން ވަނީ 45 މިލިއަން ޑޮލަރެވެ. އަދި މި ފައިސާ ހަމަޖެހި މަސައްކަތް ފަށާ ތާރީހުން އެއް އަހަރު ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޝާޑް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިން އެމީ ހުން މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ ޝެޑިއުލް. އޭގައި ދައްކާ ގޮތުން އެންމެ ވަގުތު ނަގަނީ އެ ސަރަހައްދު ހިއްކުމަށް. އެ މީހުންގެ ތާވަލްގައިވާ ގޮތުން އެ ސަރަހައްދު ހިއްކަން ގެންނަ ޑްރެޖަރު މި ގެންނަނީ ރާއްޖޭން ބޭރުން ޔޫރަޕުން، މިކަމަށް ވެސް ގިނަ ވަގުތު ނަގާ. އެކަމަކު އެއީ އަލުން މަޝްވަރާ ކޮށްގެން އަވަސް ކުރެވިދާނެ ކަންކަން." އޭނާ ވިދާޅުވި އެވެ.

ޝާޑް ވިދާޅުވީ ލަގާން އާ އެކު މާލޭގައި ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބުކަ މަށެވެ. އަދި މަސައްކަތް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ބިން ހިއްކައިގެން ރަންވޭ ދިގުކުރާ އިރު ރަންވޭ ރީސާފޭސް ކުރުމާއި ސީ ޕްލޭން ބޭސްއެއް ހެދުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓް ތެރޭގައި ހިމެނެ އެވެ. އަދި މި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނީގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއާ ޗަމްޕާ އަފީފްގެ ބޮޑު ހިއްސާއެއް އޮންނަ ކާސާ ހޮލްޑިން އިން ވެސް ބައިވެރިވެ އެވެ.