Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ގާސިމް މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ވީފޮޓޯ

ރިޝްވަތުގެ ދައުވާ އުފުލާފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް އަނެއްކާ ވެސް މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ގާސިމް ފުލުހަށް ހާޒިރު ކުރަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިއަދު ހަވީރު 4:00 ޖަހާ އިރަށެވެ.

ގާސިމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާއިރު އޭނާގެ ފޯނުވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

ގާސިމްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮތް މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންތަކަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއަކީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާއާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން އުޅުނު މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ދައުވާއެވެ.

ގާސިމްގެ ހިތްވަރަށް ސާބަސް ދެއްވައި މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ ދިވެހިންގެ "މަންޑޭލާ" ކަމަށެވެ.