ދިވެހި ރާއްޖޭގައި އޮތީ ޒަމާނީ ޑިމޮކްރަސީއެއް ކަން މުޅި ދުނިޔެއަށް ހާމަކުރަން ޖެހޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭރުގެ ސަފީރުންނާއެކު ބާއްވާ މަހާސިންތާ ފައްޓަވައިދެއްވުމަށް ބޭއްވި ހަފްލާގައި ބައިވެރިވެޑައިގެން ރައީސް ޔާމީން ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންގެ ކިބައިން ކަންތައްތަކެއް އެދިވަޑައިގެންފައެވެ.
އެގޮތުން ރާއްޖޭގެ ވާހަކަތައް ބޭރު ދުނިޔެއަށް ހާމަކުރާއިރު ތެދު މައުލޫމާތު ހަގީގަތާއި އެއްގޮތަށް ހާމަކޮށްދެއްވުމަށް ރައީސް ވަނީ ސަފީރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ދިވެހި ދައުލަތަކީ އެހެން ދައުލަތްތަކަށް އިހުތިރާމްކޮށް، ގުޅުން ބަދަހި ކުރާ ދައުލަތަކަށް ވާއިރު ދިވެހި ސަރުކާރުގެ ސިޔާސަތު ބޭރު ދުނިޔެއަށް ހާމަވާން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
<blockquote""އަޅުގަނޑުމެންގެ ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަޑު ބޭރު ދުނިޔެއަށް އިވުމަކީ ދިވެހި ހުރިހާ ސަފީރުންގެ ފަރާތްޕުޅުން އަޅުގަނޑު އެދޭ އެދުމެއް."
ބައެއް ފަރާތްތަކުން ދިވެހި ރާއްޖެއަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުންގެ "ހާއްޔެއް" ކަމަށް ބުނެ އަޑު ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތެއް ނެތް ވާހަކައެއްކަން ހާމަކޮށްދޭން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ދިވެހި ދައުލަތަކީ "މޮޑެރޭޓް އިސްލާމީ ދައުލަތެއް" ކަން ބޭރު ދުނިޔެއަށް ފުރިހަމަ މިސާލާއެކު ހާމަކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު އިތުރުކޮށްފައިވެއެވެ.
އަދި ދިވެހި ސަރުކާރަކީ ޒަމާނީ ޑިމޮކްރެޓިކް ސަރުކާރެއް ކަމަށާއި ގާނޫނީ ހަމަތަކަށް އިހުތިރާމު ކުރާ މިނިވަން ދައުލަތެއް ކަން ބޭރު ދުނިޔެއަށް އަންގައި ދިނުމަށްވެސް ރައީސް ޔާމީން ވަނީ ސަފީރުންގެ ކައިރިން އެދިވަޑައިގެންފައެވެ.