ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ނަދީމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން އޭނާގެ ގެއަށް ގޮސްފައި ވަނީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.
ފުލުހުން ނަދީމް ދިރިއުޅެމުންދާ އެންދެރިމާގެ އަށް ދިޔަ އިރު އޭނާ ގޭގައި ނޫޅުއްވާތީ ފޯން ނަމްބަރު ހޯދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުން ނަދީމް ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަމުރު ނެރުނީ ކޮން ކޯޓަކުން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފެނަކް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމު ފުރާފައިވާ ނަދީމް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.