ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ވިލާއަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިގެން ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.
ޝަންގްރިއްލާގެ ވިލާ އަކުން ފައިސާތަކެއް ގެއްލުނު މައްސަލައިގައި އެ ރިސޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވިލާއިން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ 25،000 ޑޮލަރެވެ.
ފައިސާ ގެއްލުނު މައްސަލައެއް ފެންމަތިވެފައި ވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ.
މީގެ ކުރިންވެސް ޝަންގްރިއްލާ ރިސޯޓްގެ ސިފާނީ ޖުވެލަރީޒް ފަޅާލި މައްސަލައެއް ފެންމަތިވެ، ރިސޯޓްގެ ދިވެހި ތިން މުވައްޒަފުންނެއް ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ބަންދު ކުރި އެވެ.
ނަމަވެސް މައްސަލަ ނިމުނީ އެމުވައްޒަފުންގެ މައްޗށް ތުހުމަތު ކުރި މައްސަލަ ސާބިތު ނުކުރެވިއެވެ. އެހާދިސާގައި ރިސޯޓުން މުޅިންވެސް ތަހްގީގަށް ގެންދިޔައީ ދިވެހި މުވައްޒަފުންނެވެ.
ރާއްޖޭގެ އެހެން ރިސޯޓް ތަކާއި ހިލާފަށް ޝަންގްރިއްލާ ރިސޯޓްގައި ރޭގަޑު އެކަމޮޑޭޓް ވެގެން ތިބެނި ބިދޭސީ މުވައްޒަފުންނެވެ.
ދިވެހި މުވައްޒަފުން ޑިއުޓީ ނިންމާފައި ދަނީ އެމުވައްޒަފުންގެ އަމިއްލަ ރަށަށެވެ.