#އަންނަ މަހުގެ ހައެއްގައި ނަގާ ވޯޓަކީ ރައްޔިތުންނަށް ދެވޭ ޓެސްޓް ޕޭޕަރެއް ކަމުގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ އަލީ ހަނީޒުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި އެ ޓެސްޓު ޕޭޕަރު އައްޑޫގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
" (ޓެސްޓް ޕޭޕަރުން ފާސްނުވެ) ތިޔަބޭފުޅުން ބުނެގެން އަޅުގަނޑު ގޮސް ކަމެއް ވިދާޅުވީމަ އެކަމެއް ނުކުރެވުނީމާ އެ ވާހަކައިގެ ޝަކުވާ އަޅުގަނޑާ ހަމައަށް ނުގެންނަވާތި. އެއީ ތިބޭފުޅުން ބަލައިގަތް ކަމެއް. އަޅުގަނޑުގެ މައްސަލައެއް ކަމަށް ނަހައްދަވާތި."
އައިބީ ވިދާޅުވި ގޮތުގައި ސަރުކާރުތަކުން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން އަންގައިދޭ ޕޭޕަރަކީ ވޯޓު ކަރުދާސްކޮޅު ކަމަށެވެ.
"ސަރުކާރުން ކޮށްދިން ކަންތައްތަކަކީ، ރައްޔިތުން ބޭނުންވާ ކަންކަންތޯ ދެނެގަންނަ އެންމެ މުހިއްމު ވަސީލަތަކީ ވޯޓު ކަރުދާސްކޮޅު. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ޓެސްޓް ޕޭޕަރެކޭ" އައިބީ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ 'ޓެސްޓް ޕޭޕަރުން' ފާސްނުވެއްޖެއްޔާ ސަރުކާރުން ބަލާނީ، ސަރުކާރު ލައްވާ ކުރުވާ ކަންކަމަކީ، ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަމުގައި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އައިބީ ވަނީ ފޭދޫގެ ހުރިހާ ރައްޔިތުން ވެސް އަލީ ހަނީޒު އަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.
" (ޓެސްޓް ޕޭޕަރުން ފާސްނުވެ) ތިޔަބޭފުޅުން ބުނެގެން އަޅުގަނޑު ގޮސް ކަމެއް ވިދާޅުވީމަ އެކަމެއް ނުކުރެވުނީމާ އެވާހަކައިގެ ޝަކުވާ އަޅުގަނޑާއި ހަމައަށް ނުގެންނަވާތި. އެއީ ތިބޭފުޅުން ބަލައިގަތްކަމެއް. އަޅުގަނޑުގެ މައްސަލައެއް ކަމަށް ނަހައްދަވާތި." އައިބީ ވިދާޅުވިއެވެ.