މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ ރިޕޯޓާ ގުޅިގެން، ރާއްޖޭގެ ތަޢުލީމީ ސިޔާސަތާއި، ޒުވާނުންނާ ބެހޭ ސިޔާސަތާ ބެހޭގޮތުން އާ ވިސްނުމަކުން ވިސްނަން އެބަޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މިންވަރު ދެނެގަތުމަށް ޤައުމީ ފެންވަރުގައި ކުރި ދިރާސާ ރިޕޯޓް ނެރުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި، ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރޭޑަސް ހޮޓެލްގައި އޮތް މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ސަވޭ ކުރެވުނު ކުދިންނާއި މީހުންގެ ތެރެއިން 15-64 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 7،500 ކުދިންނާއި މީހުން މަސްތުވާތަކެތި ބޭނުން ކުރާކަން، މި ރިޕޯޓުން އެނގިގެން ހިނގައްޖެކަން ހިތާމަ އާ އެކު ފާހަގަކުރެއްވި އެވެ.
ޅަ ޢުމުރުފުރާގައި މަދްރަސީ ދައުރުގައިވެސް ވަރަށް ގިނަ ކުދިން މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި، މަސްތުވާތަކެތި ބޭނުން ކުރާ ފިރިހެނުންނަށް ވުރެ އަންހެނުން މަދު ކަމަށް ވެސް މި ދިރާސާ އިން އެނގިގެން ހިނގައްޖެ ކަަމަށް ވިދާޅުވި އެވެ. އަދި މި ދިރާސާއިން ނުދައްކާ މަޢުލޫމާތުތަކެއް ވެސް އެބަހުރި ކަމަށާއި، އެ މަޢުލޫމާތުތައް ހޯދަން އެބަޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުން ކުރާ ކުދިންނާއި މީހުންނަށް ދޭން ޖެހޭ ފަރުވާ ދިނުމުގައި، މަސައްކަތް ކުރަންވީ ވަރަށް ނުކުރެވޭކަން ވެސް މި ރިޕޯޓުން ހާމަވެގެން ހިނގައްޖެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މި ރިޕޯޓްގައި ހުރި މަޢުލޫމާތުތައް ރަނގަޅަށް ދިރާސާކޮށް، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތައް، ކަމާ ބެހޭ ފަރާތްތަކުން އަލުން މުޠާލިޢާ ކުރައްވައި، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އަދި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރުގައި ޢަމަލީ މަޝްރޫޢެއް އެކުލަވާލުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ހަމައެއާ އެކު މި ރިޕޯޓްގެ ބޭނުން ހުރިހާ ފަރާތްތަކަކުން ވެސް ހިއްޕަވައި، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް، ސަރުކާރުގެ ކަމާބެ ހޭ މުއައްސަސާތަކުންނާއި، ހުރިހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.