ޗެމްޕިއަންސް ލީގު ކުއާޓާގައި ބާސާ އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ދެވަނަ ލެގު ލަނޑެއް ނުޖެހި އެއްވަރުވެ އެގްރިގޭޓުން 3-0 އިން ބާސާ ބަލިވެ މުބާރާތުން ކަޓައިފިއެވެ.
ރައުންޑް އޮފް 16 ގައި ޕީއެސްޖީ އަތުން ފުރަތަމަ ލެގު 0-4 އިން ބަލިވެ ބާސާ ވަނީ ދެވަނަ ލެގުގައި 6 ލަނޑު ޖަހައި އެގްރިގޭޓުން 5-6 އިން މެޗު ކާމިޔާބުކޮށްފައެވެ. ކޯޗު އެންރީކޭ ބުނެފައިވަނީ މިފަހަރުވެސް އޭނާގެ ޓީމަށް ނަތީޖާ އަނބުރާލެވޭނެ ކަމަށެވެ.
ނަމަވެސް ޔުވެންޓަސް ޓީމު އޮތީ ބާސާއަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ޑިފެންސަށް ގޭމް ބިނާކޮށް ކައުންޓާ އެޓޭކުގައި ކުރިއަށް ދިއުމަށް ކުޅުންތެރިންވަނީ ތަމްރީނު ކޮށްފައެވެ.
ދެޓީމުންވެސް މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ހޯދި ނަމަވެސް ދެޓީމުގެ ޑިފެންސް ލައިނުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެ ޓީމުގެ ދެކީޕަރުންނަށްވުރެ ޑިފެންސް ލައިން ބަލަހައްޓަން ތިބި ކުޅުންތެރިން ވަނީ ހުށިޔާރުކަން ދައްކާފައެވެ.
ރޭގައި ބޮރޫޝިޔާ ޑޯޓްމަންޑާއި މޮނަކޯ ބައްދަލުކުރި މެޗު މޮނަކޯ ވަނީ 1-3 (3-6) އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީއިން ޖާގަ ހޯދާފައެވެ.