ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހިއްސާވާ ކުންފުންޏެއްގެ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ބަންދުގައި ބަހައްޓައިގެން ނަދީމް ކޯޓަށް ހާޒިރު ކުރުމުން ފައިސާ ދައްކާފައިވާތީ އެ މައްސަލަ ނުބަލަން ސިވިލް ކޯޓުން ނިންމައިފި އެވެ.
ކޯޓަށް ހާޒިރުވުމަށް ފަހު ނިކުމެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނަދީމް ވިދާޅުވީ ކޯޓުން ބުނާ ދަރަނީގެ ފައިސާ ދައްކާފައިވާތީ މައްސަލަ ނިމިފައިވާ ކަން އަންގާފައިވާ ކަމަށެވެ.
ނަދީމު ވިދާޅުވީ މީހެއްގެ ސާބިތު ދަރަންޏެއް އޮތް ނަމަ އެ މައްސަލަ ކޯޓުން ބަލަން ޖެހޭނެކަމަށެވެ. ނަމަވެސް އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރީ އިޖުރާތުތައް ފުރިހަމަކޮށްފައި ނޫން ކަަމަށެވެ.
އަދި އެކަން އެގޮތަށް ކުރިއަށް ގެންގޮސްފައިވަނީ
ފަނޑިޔާރުންނަށް ލިބޭ ބާރުގެ ދަށުން ކަމަށް ކޯޓުން ބުނިކަމަށާއި އެކަމަށްވެސް އިހްތިރާމް ކުރައްވާ ކަމަށްވެސް ނަދީމް ވިދާޅުވި އެވެ.
ނަދީމް ކުއްލި ގޮތަކަށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.