Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ބީއެމްއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ

ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ބީއެމްއެލް އިން އާންމުކުރި މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައި ވާގޮތުން ޓެކްސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.02 ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ 61 ޕަސަންޓުގެ ކުރިއެރުމެކެވެ.

އޭގެ ކުރީ އަހަރުގައި ބޭންކަށް ލިބިފައިވަނީ ފައިދާގެ ގޮތުގައި 634.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު މުޅި އާމްދަނީގެ ގޮތުގައި ބީއެމްއެލްއަށް 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިންގުމުގެ ޚަރަށް ޖުމުލަ 449.4 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު ޓެކްސްގެ ގޮތުގައި ބީއެމްއެލް އިން ވަނީ 340.4 މިލިއަން ރުފިޔާ ދައްކާފައެވެ.

އާމްދަނީގެ ގޮތުގައި އިންޓްރެސްޓުން 1.3 ބިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބިފައިވާއިރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. ބޭރު ފައިސާ ވިއްކައިގެން މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ 52.6 މިލިއަން ރުފިޔާ ހޯދާފައެވެ.

ސާފު ފައިދާގެ ގޮތުގައި ދިވެހި ރާއްޖޭގެ ޕަބްލިކް ލިމިޓެޑް ކުންފުންޏަކުން އެއް ބިލިއަން ރުފިޔާ ހޯދި ފުރަތަމަ ފަހަރެވެ.