Last Updated: June 26, 10:51
Friday, June 26, 2026
ކުޅިވަރު

އެންޑެލެޓް ބަލިކޮށް ޔޫރަޕުގައި ދެމިއޮތް އިނގިރޭސި ޓީމަކަށް ޔުނައިޓެޑް

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި އެންޑެލެޓް ބައްދަލުކުރި މެޗު ހަނިގޮތަކަށް ޔުނައިޓެޑު ކާމިޔާބުކޮށް ޔޫރޮޕާ ލީގުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ލެގާއި އެއްފަދައިން ފަހު ލެގުވެސް ވަނީ 90 މިނެޓު ހަމަވީއިރު 1-1 އިން އެއްވަރުވެފައެވެ. އެގްރިގޭޓު 2-2 އިން އެއްވަރުވެ އެވޭ ގޯލުވެސް އެއްވަރުވުމުން އިތުރު ވަގުތަށް މެޗު ދެމިގެންދިޔައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުވެސް ނަތީޖާއަށް ބަދަލެއް ނުގެނެވި ނިމިގެން ގޮސްފައިވާއިރު ޔުނައިޓެޑުން ލަނޑު ޖަހާފައިވަނީ 107 ވަނަ މިނެޓުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި މިޚިތަރިޔާންގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު އެންޑެލެޓުން ނަތީޖާ އެއްވަރުކޮށްފައިވަނީ 32 ވަނަ މިނެޓުގައި ހާނީއެވެ.

ޔުނައިޓެޑު މެޗުން މޮޅުކޮށްދިން ލަނޑު ޖަހާފައިވަނީ ޒުވާން ފޯވާޑް މާކަސް ރަޝްފޮޑްއެވެ. މެޗުގައި ޔުނައިޓެޑަށް އިތުރުވަގުތަށް ނުގޮސް މެޗު ނިންމާލުމަށް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބިފައިވެއެވެ. ޚާއްސަކޮށް އިބްރަހިމޮވިޗް އަދި ރަޝްފޮޑްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އިބްރާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ ބާލާފައެވެ. ޔުނައިޓެޑަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު ރޭގެ މެޗުގައި ޑިފެންޑަރު ރޯޖޯވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.

ޔުނައިޓެޑުގެ އިތުރުން ސެމީގެ ޖާގަ ހޯދި ތިން ޓީމަކީ ސެލްޓަ ވީގޯ، ޝާލްކޭ އަދި ލިއޯންއެވެ. ލިއޯން މެޗު ކާމިޔާބުކޮށްފައިވަނީ ފުރިހަމަ ނަތީޖާ އެއްވަރުވެ އެވޭ ގޯލުވެސް އެއްވަރުވެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުވެސް އެއްވަރުވެ އެންމެ ފަހުން ޕެނަލްޓީ ޖަހައިގެން 6-7 އން މެޗު ކާމިޔާބުކޮށްގެންނެވެ.